MTCC

ރާއްޖޭގައި ޑޮލަރު އެބަހުރި، ދަތިވަނީ ހަމައެކަނި ބޭންކް ރޭޓުން ހޯދަން: ފިރާގު

WhatsApp Image 2026-08-11 at 12.06.30

ރާއްޖޭގައި ޑޮލަރު އެބަހުރި، ދަތިވަނީ ހަމައެކަނި ބޭންކް ރޭޓުން ހޯދަން: ފިރާގު

SHARE

ރާއްޖޭގައި ޑޮލަރު ނުލިބިގެން އުޅެނީ ނޫން ކަމަށާއި، ދަތިވެގެން އުޅެނީ ހަމައެކަނި ބޭންކް ރޭޓުގައި ޑޮލަރު ހޯދުމަށް ކަމަށް އިނަ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.

އިކޮނޮމިކް މިނިސްޓްރީން ރޭ ބޭއްވި "އިގްތިސާދުގެ ދެ ފަރާތް" ޕެނަލް ޑިސްކަޝަންގައި ވާހަކަދައްކަވަމުން ފިރާގު ވިދާޅުވީ، ރާއްޖޭގެ ބާޒާރުގައި ޑޮލަރު ހޯދުމަކީ އުނދަގޫ ކަމެއް ނޫން ކަމަށާއި، ބޮޑު އަގުގައި ނުވަތަ "ނުއަގުގައި" ބޭނުން ވަރަކަށް ޑޮލަރު ގަންނަން ލިބެން ހުރި ކަމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ބޭންކް ރޭޓަށްވުރެ ގާތްގަނޑަކަށް 35 އިންސައްތަ ބޮޑު އަގުގައި (އާޓިފިޝަލް ޕްރައިސްއެއްގައި) ބާޒާރުން ފަސޭހަކަމާއެކު ޑޮލަރު ލިބެން އެބަހުއްޓެވެ.

މި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ފިރާގު ވިދާޅުވީ، ނޫސްތަކުން ޑޮލަރުގެ ރޭޓުތައް ރިޕޯޓުކުރުމުން މާކެޓަށް އޭގެ އަސަރުކުރާނެ ކަމަށެވެ. އަދި ބައެއް ގައުމުތަކުގައި މިއީ ކުށެއްގެ ގޮތުގައި ބަލާ ކަމެއް ކަމަށާއި، މިކަމަށް ގާނޫނީ ހައްލެއް ބޭނުންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ފިރާގު އިތުރަށް ވިދާޅުވީ ރާއްޖޭގެ މަނިޓަރީ ޕޮލިސީ ޒަމާނާ އެއްގޮތަށް ބަދަލުކޮށް، "ޑުއެލް ކަރަންސީ" ނިޒާމު ދޫކޮށް "ސިންގަލް ކަރަންސީ" ނިޒާމަކަށް ރާއްޖެ ބަދަލުވާން ޖެހޭ ކަމަށެވެ.

އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި ބޭންކް އޭޓީއެމްތަކުން ކޮންމެ ދުވަހަކު ނަގާ ގިނަ އަދަދެއްގެ ފައިސާއަކީ ހަމައެކަނި ދިވެހިންގެ ބޭނުންތަކަށް ނަގާ ފައިސާއެއް ނޫނެވެ. އޭގެ ތެރޭގައި ނުގަވައިދުން ވިޔަފާރިކުރާ ބޭރުގެ ފަރާތްތަކުން ފައިސާ ބޭރުކުރާ އެތައް ލިންކެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން، މި ހުރިހާ މުއާމަލާތްތަކެއް ވަކި ސިސްޓަމެއްގެ ތެރެއަށް ވައްދައި، ފައިސާގެ ދައުރުވުން އިކޮނޮމީގެ ތެރޭގައި ހިފެހެއްޓޭނެ ގޮތްތަކެއް ހަދަން ޖެހޭ ކަމަށް އޭނާ ލަފާދެއްވިއެވެ.

މި ޕެނަލްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހާމަކުރި ގޮތުގައި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެކަނިވެސް 478 މިލިއަން ޑޮލަރު ވިޔަފާރިތަކަށާއި އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވެއެވެ. ބީއެމްއެލްގެ ހެޑް އޮފް މާކެޓިން އެންޑް ސްޓްރެޓެޖީ މުހައްމަދު ސައީދު ވިދާޅުވީ، އޭޓީއެމްތަކުން ކޮންމެ ދުވަހަކު 1.2 މިލިއަން ޑޮލަރު ނަގާއިރު، ބޭންކަށް ޖަމާވަނީ އޭގެ ދެބައިކުޅަ އެއްބައި ކަމަށެވެ.

ޑޮލަރުގެ މައްސަލައަށް އޮތް ދާއިމީ ހައްލަކީ މަސްވެރިކަން ފުޅާކުރުން ކަމަށް އެންސިސް ފިޝަރީޒްގެ ކޯ އޯނަރު އަބްދުލްވާހިދު ތައުފީގު މި ފޯރަމްގައި ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޓޫރިޒަމަށްފަހު އެންމެ ގިނަ ޑޮލަރު ވަންނަނީ މަސްވެރިކަމުން ކަމަށްވާއިރު، މަހުގެ އުފެއްދުންތެރިކަން އިތުރުކޮށްގެން ރާއްޖެއަށް ވަންނަ ޑޮލަރު މިހާރަށްވުރެ ދިހަ ގުނަ އިތުރުކުރެވިދާނެ ކަމަށެވެ.