MTCC

އާސަންދައިން ކުރާ ހޭދަ ކުޑަކުރުމަށް ގިނަ މަޝްރޫތައް ކުރިޔަށް އެބަދޭ: ގީލާ

763617598_1591285859358495_288455641943692944_n

އާސަންދައިން ކުރާ ހޭދަ ކުޑަކުރުމަށް ގިނަ މަޝްރޫތައް ކުރިޔަށް އެބަދޭ: ގީލާ

SHARE

ދައުލަތުގެ ބަޖެޓުން އާސަންދައަށް ކުރާ ބޮޑު ހޭދަ ކުޑަކުރުމަށްޓަކައި، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސިއްހީ ހިދުމަތްތައް ފުޅާކޮށް ވަރުގަދަކުރުމުގެ ބޮޑު މަޝްރޫއެއް ސަރުކާރުން ފަށައިފިއެވެ.

މިކަން ހާމަކުރެއްވީ ސިއްހަތާ ބެހޭ ވަޒީރު ގީލާ އަލީ، މިއަދު ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ވަޒީރު ގީލާ ވިދާޅުވީ، އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާންޖެހޭ މިންވަރު މަދުކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. މިގޮތުން، މާލެއަށް ބަރޯސާނުވެ އަތޮޅުތެރެއިން ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ އަމާޒަކީ ކެންސަރު ބަލީގެ ފަރުވާއާއި، ކެތް ލެބް އަދި އެމްއާރްއައި ފަދަ ހިދުމަތްތައް އަތޮޅުތެރޭގައި ގާއިމުކޮށް، ބޭރަށް ނުގޮސް ރާއްޖޭގައި ތިބެގެން މި ހިދުމަތްތައް ރައްޔިތުންނަށް ލިބޭނެ ގޮތް ހެދުން،" ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރު ހާމަކުރެއްވި ގޮތުގައި، އަތޮޅުތެރޭގެ ސިއްހީ ނިޒާމު ތަރައްގީކުރުމަށް ރާވާފައިވާ މަޝްރޫއުތަކުގެ ދަށުން މި އަހަރު ނިމުމުގެ ކުރިން ހަތް ރަށެއްގައި ސީޓީ ސްކޭންގެ ހިދުމަތް އަލަށް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އެ ރަށްތަކަކީ ހއ. ދިއްދޫ، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫއެވެ. މީގެ އިތުރުން ތިން ހޮސްޕިޓަލެއްގައި އެމްއާރްއައިގެ ހިދުމަތް ގާއިމުކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، އާސަންދައިގެ ދަށުން ރާއްޖެއިން ބޭރަށް ފަރުވާ ހޯދަންދާ މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ. އެގޮތުން މިދިޔަ އަހަރު އެކަނިވެސް ކެންސަރު ބަލީގެ ފަރުވާއަށް 483 މީހުން އަދި އެހެނިހެން ބަލިތަކަށް 821 މީހުން ރާއްޖެއިން ބޭރަށް ފޮނުވާފައިވެއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، މި މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމާއި، މެޝިނަރީޒްތައް އޮޕަރޭޓްކުރާނެ ފަންނީ އިންސާނީ ވަސީލަތްތައް ބިނާކުރުމުގެ މަސައްކަތް އެކި ފަރާތްތަކާ ގުޅިގެން ސަރުކާރުން މިހާރު ކުރިއަށްގެންދާ ކަމަށެވެ. މި ބަދަލުތަކާއެކު އާސަންދައިގެ ހޭދަ ބޮޑުތަނުން ކުޑަވެ، ރައްޔިތުންނަށް އަމިއްލަ ރަށާ ގާތުން ހިދުމަތް ލިބުމުގެ މަގު ފަހިވެގެންދާނެއެވެ.