MTCC

ފްރެންޑް 3 ދޯނިން ގެއްލުނު މީހުން އަދިވެސް ނުފެނޭ، ކަނޑާއި ވައިގެ މަގުން ބޮޑުބައެއް ބަލައިފި

main_20260810_142738

ފްރެންޑް 3 ދޯނިން ގެއްލުނު މީހުން އަދިވެސް ނުފެނޭ، ކަނޑާއި ވައިގެ މަގުން ބޮޑުބައެއް ބަލައިފި

SHARE

"ފްރެންޑް 4″ ނަމަކަށް ކިޔާ ސަޕްލައި ދޯނި އަޑިއަށްދިޔަ ހާދިސާގައި ގެއްލުނު ތިން މީހުން ހޯދުމަށް ކުރިއަށްގެންދާ ވަރުގަދަ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގެ ދަށުން، ކަނޑާއި ވައިގެ މަގުން މިހާތަނަށް ބޮޑު ސަރަހައްދެއް ބަލައި ފާސްކޮށްފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ތަފްސީލް ހާމަކުރަމުން އިދާރާތަކުން ބުނެފައިވަނީ، މިހާތަނަށް ވައިގެ މަގުން 7,512 އަކަ ނޯޓިކަލް މޭލު އަދި ކަނޑުމަގުން 1,970.10 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. ނަމަވެސް، މިހާތަނަށް ކުރެވުނު އެއްވެސް މަސައްކަތަކުން ގެއްލުނު މީހުންގެ އެއްވެސް ނިޝާނެއް ފެނިފައެއް ނުވެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިމަހު 5 ވަނަ ދުވަހުގެ ރޭ 22:37 އެހާކަންހާއިރުއެވެ. ހިލައާއި ހިލަވެލި ބަރުކޮށްގެން ދަތުރުކުރި މި ދޯނި އަޑިއަށް ދިޔައީ ބޮޑު ރާޅެއް އަރައި ދިޔަވެ، ކޮންޓްރޯލުން ނެއްޓި ބަނޑުން ޖަހާލުމުގެ ސަބަބުންނެވެ. ދޯނި އަޑިއަށްދާ ކަމުގެ ރިޕޯޓް ރަސްމީ އިދާރާތަކަށް ލިބިފައިވަނީ އެރޭގެ 23:22 ހާއިރުއެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަމުންދަނީ:

  1. ފުލުސް ސާޖަންޓް އަލީ ނާފިއު (ނ. މަނަދޫ)
  2. އެމްއެންޑީއެފް ސްޓާފް ސާޖަންޓް އިބްރާހިމް އަހުމަދު
  3. ދޯނީގެ ކެޕްޓަން މުހައްމަދު ހަމްދޫން (ތ. މަޑިފުށި)

މި ތިން މީހުން ގެއްލިފައިވަނީ ދޯނި ދިޔަވާން ފެށުމުން، ފެން ހިއްކުމުގެ މަސައްކަތުގައި އަމަލީގޮތުން އުޅެނިކޮށް ދޯނި ކުއްލިއަކަށް އަރި އަޅާލައި ކަނޑުވި ވަގުތުއެވެ. ދޯނީގައި ތިބި ޖުމްލަ 8 މީހުންގެ ތެރެއިން 7 މީހަކު ވަނީ ކަނޑުމަތިން ސަލާމަތް ކުރެވިފައެވެ.

އެމްއެންޑީއެފުން ފާހަގަކުރި ގޮތުގައި، ދޯނި އަޑިއަށް ދިޔަ ސަރަހައްދަކީ ގާތްގަނޑަކަށް 1,645 މީޓަރުގެ ފުން ސަރަހައްދެކެވެ. މޫސުން ގޯސްވުމުގެ ސަބަބުން ހޯދުމުގެ މަސައްކަތަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާތީ، މި އޮޕަރޭޝަނަށް ބޭރުގެ އެހީތެރިކަން ހޯދުމަށްވެސް ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ.

ކަމާބެހޭ އިދާރާތަކުން ހުއްޓުމެއްނެތި މި މަސައްކަތް ކުރަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ދައުލަތުގެ ހުރިހާ ވަސީލަތްތަކެއް މިކަމުގައި ބޭނުންކުރަމުންދާކަން ސަރުކާރުން ހާމަކުރެއެވެ.