ހުޅުމާލޭގެ "އަމާން" ޓަވަރުތައް ހިމެނޭ ސަރަހައްދު ސާފުކުރުމަށް އިއްޔެ ހިންގި ބޮޑު ހަރަކާތުގައި 670 ޓަނުގެ ކުނި އެޗްޑީސީން އުކާލައިފިއެވެ.
މިއީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރިއަށްގެންދާ "މަދިރިން ރައްކާ" ކެމްޕޭނުގެ ދަށުން، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ގުޅިގެން ކުރިއަށް ގެންދިޔަ މަސއްކަތެކެ. މި މަސައްކަތުގެ މައިގަނޑު މަގުސަދަކީ އެ ސަރަހައްދުގައި މަދިރި އާލާވާ ތަންތަން ނައްތާލައި، ސިއްހީ ގޮތުން ރައްކާތެރި މާހައުލެއް ގާއިމުކުރުމެވެ.
އިއްޔެ ހެނދުނު ފެށި މި ހަރަކާތުގައި އަމާން ދޯދި 11 އިން ފެށިގެން 14 ވަނަ ޓަވަރާ ހަމައަށް ހުރި ކުނިތައް ވަނީ އެކި ބާވަތްތަކަށް ވަކިކޮށް ސާފުކޮށްފައެވެ. މި މަސައްކަތުގައި އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނާއެކު އެޗްޕީއޭ، ވެމްކޯ، ފުލުހުން އަދި މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސްގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވިއެވެ.

މި މަސައްކަތުގެ ބާކީ ބައި މިއަދު ފުރިހަމަކުރުމަށް ހަމަޖެހިފައިވާއިރު، ސާފުކުރުމަށްފަހު އެ ސަރަހައްދު ބަދަލުކޮށްލުމަށް ނިންމާފައިވަނީ ހިތްގައިމު "ގްރީން ޒޯނަކަށެވެ". އެގޮތުން އެތަނުގައި ޖޯލިފަތިތަކާއި ބައްތިތައް ހަރުކޮށް، އާންމުންނަށް އަރާމުކޮށްލެވޭނެ ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމަށް ވަނީ ރޭވިފައެވެ.
އެފްޑީސީން ހާމަކޮށްފައިވާ ގޮތުގައި "ފަހި ސާފުވެށި" ކެމްޕޭނުގެ ދަށުން މިހާތަނަށް ޖުމްލަ 5,040 ޓަނުގެ ކުނި (ގާތްގަނޑަކަށް 670,320 ކޮތަޅުގެ ކުނި) ވަނީ އުކާލައިފައެވެ. މި ބޮޑު މަޝްރޫއަށް އެފްޑީސީގެ ބަޖެޓުން 13.48 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ.

ހުޅުމާލެއަކީ މަދިރިން ރައްކާތެރިވެފައިވާ، ސާފުތާހިރު އަދި ރައްޔިތުން ދިރިއުޅެން ހިތްފަސޭހަ މުޖުތަމައުއަކަށް ހެދުމަށް އެޗްޑީސީން ދަނީ މަސައްކަތް ކުރަމުންނެވެ.