މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ބިޔަ މަޝްރޫޢާ ގުޅޭގޮތުން، މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ކަމާގުޅޭ މުހިންމު ފަރާތްތަކާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ.
ހޮޓެލް ޖެންގައި ބޭއްވި މި ބައްދަލުވުމަކީ ތިލަފުށީގައި ތަރައްގީކުރާ އާ ބަނދަރުގެ މަސައްކަތްތައް ކުރިއަށްދާއިރު، އެ ބަނދަރުން ހިދުމަތް ހޯދާ ފަރާތްތަކުގެ ބޭނުންތަކާއި ހިޔާލު ހޯދުމަށް ސިލްސިލާކޮށް ބާއްވަމުން އަންނަ ބައްދަލުވުންތަކުގެ ތެރެއިން ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި އެމް.ޕީ.އެލްގެ ސްޓޭކްހޯލްޑަރުންގެ ތެރޭގައި ހިމެނޭ ޝިޕިން އޭޖެންޓުންނާއި، އެއާލައިން އޭޖެންޓުންގެ އިތުރުން ފްރައިޓް ފޯވާޑަރުން ބައިވެރިވެފައިވެއެވެ. މިބައްދަލުވުމުގެ މައިގަނޑު އެއް ބޭނުމަކީ "ސީ-ޓު-އެއާ ކާގޯ" ނުވަތަ ކަނޑުމަގުން އަންނަ މުދާ ވައިގެ މަގުން ފޮނުވުމުގެ ޚިދުމަތްދޭ އެއާލައިންތަކުގެ އޭޖެންޓުންނާއި، ޝިޕިން ދާއިރާގެ ތަޖުރިބާކާރުންގެ އިރުޝާދު ހޯދުމެވެ.
މި މަޝްވަރާގައި ބައިވެރިވި ފަރާތްތަކުން ވަނީ ތިލަފުށީ ބަނދަރު ހުޅުވުމުން ޢަމަލީ ގޮތުން ޚިދުމަތް ދިނުމުގައި ދިމާވެދާނެ ގޮންޖެހުންތަކާއި، އެކަންކަން ހައްލުކޮށް ޚިދުމަތް އަވަސްކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން އަގުހުރި ހިޔާލުތަކެއް އެމް.ޕީ.އެލްއާ ހިއްސާކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިޤްތިޞާދީ މުހިންމު ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މި މަޝްރޫޢަކީ، މާލޭ ބަނދަރަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ކުރިއަށްގެންދާ މަޝްރޫޢެކެވެ. ތިލަފުށީގައި ތަރައްގީކުރާ މި ބަނދަރު ވެގެންދާނީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، އެންމެ ފަހުގެ ޓެކްނޮލޮޖީ އާއި ވަސީލަތްތައް އެކުލެވޭ "ސްޓޭޓް އޮފް ދި އާޓް" މަލްޓި-ޕާޕަސް ބަނދަރަކަށެވެ.
އެމްޕީއެލްގެ އަމާޒަކީ އަންނަ އަހަރުގެ ނޮވެންބަރު މަހުގެ 11 ވަނަ ދުވަހު މި ބަނދަރުގެ ހިދުމަތް ރަސްމީކޮށް ފެށުމެވެ. މި ބަނދަރު ހުޅުވުމާއެކު ވިޔަފާރިވެރިންނަށް 24 ގަޑިއިރު ހިދުމަތް ލިބޭނެ ފުރިހަމަ ނިޒާމެއް ގާއިމުވެގެންދާނެއެވެ.
މި މަޝްރޫއާ ގުޅިގެން އެމް.ޕީ.އެލް އިން މީގެކުރިން ވަނީ ސަރުކާރުގެ ކަމާގުޅޭ މިނިސްޓްރީތަކާއި، މުއައްސަސާތަކުގެ އިތުރުން ޢާންމު ވިޔަފާރިވެރިންނާ ވެސް ބައްދަލުކޮށްފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ދާއިރާގައި ހިމެނޭ އެހެނިހެން ސްޓޭކްހޯލްޑަރުންނާ ވެސް ބައްދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ.