ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް އިޖާބަދޭނެ ގޮތް ދަސްކޮށްދިނުމުގެ ގޮތުން "ޕާޝަލް އިމަޖެންސީ އެކްސަސައިޒް" އެއް ކާމިޔާބީއާއެކު ކުރިއަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން އިންތިޒާމުކުރި މި ތަމްރީނު ހަރަކާތަކީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާ ގުޅިގެން ކުރިއަށް ގެންދިޔަ މުހިންމު ހަރަކާތެކެވެ. މި ތަމްރީނުތަކުގެ މައިގަނޑު މަގުސަދަކީ އެއާޕޯޓުގައި ސިއްހީ ކުއްލި ހާލަތެއް މެދުވެރިވެއްޖެ ނަމަ، ކަމާގުޅުންހުރި އެކި މުއައްސަސާތަކުގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ބަދަހިކޮށް، އެކަމަށް އެކުލަވާލާފައިވާ ރެސްޕޮންސް ޕްލޭންތަކުގެ ފެންވަރު ވަޒަންކޮށް އިތުރަށް ހަރުދަނާކުރުމެވެ.
މި އިމަޖެންސީ ރެސްޕޮންސް ސިމިއުލޭޝަންގައި "ބިއޯންޑް" އެއާލައިނުން އަމަލީގޮތުން ބައިވެރިވެ، ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ. އެމްއޭސީއެލް އިން ހާމަކުރި ގޮތުގައި، މި ހަރަކާތް ކުރިއަށް ދިޔަ ވަގުތު އެއާޕޯޓުގެ އާންމު އޮޕަރޭޝަންތަކަށާއި ޝެޑިއުލް ފްލައިޓްތަކަށް އެއްވެސް ބުރޫއެއް އަރާފައެއް ނުވެއެވެ. އެ ކުންފުނިން ދެކޭގޮތުގައި އެއާޕޯޓުގެ ދުވަހީ މަސައްކަތްތަކަށް ހުރަސްނޭޅޭ ގޮތަށް މިފަދަ ބޮޑު
ތަމްރީނެއް ނިންމާލެވުމަކީ ލިބުނު ބޮޑު ކާމިޔާބީއެކެވެ.
އެއާޕޯޓުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ސަރުކާރުން ނުހަނު ބޮޑު އިސްކަމެއް ދޭ ކަމެކެވެ. އެގޮތުން އެއާޕޯޓުގައި ދިމާވެދާނެ އެކި ބާވަތުގެ ކުއްލި ހާލަތްތަކަށް ތައްޔާރުވެ ތިބުމަށް އެމްއޭސީއެލުން ދަނީ ސިލްސިލާކޮށް ތަމްރީނުތައް ހިންގަމުންނެވެ. މިގޮތުން ރާއްޖޭގެ އޭވިއޭޝަން ދާއިރާގައި ބޭއްވޭ އެންމެ ބޮޑު ތަމްރީނު ކަމަށްވާ "އެއަރޕޯޓް ފުލް ސްކޭލް އިމަޖެންސީ އެކްސަސައިޒް" (އެފެކްސް) އެންމެ ފަހުން ބާއްވާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ.
މިފަދަ ތަމްރީނުތަކުގެ ސަބަބުން ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތަށް އެއާޕޯޓުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށާއި، ކުއްލި ހާލަތްތަކުގައި އަވަސް ފިޔަވަޅު އެޅުމުގެ ގާބިލްކަން އިތުރުވެގެންދާނެ ކަމަށް އެމްއޭސީއެލުން ގަބޫލުކުރެއެވެ.