މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ "ސީ-ޓު-އެއާ ކާގޯ" ހިދުމަތުން، ނިމިދިޔަ ޖުލައި މަހުގެ ތެރޭގައި އެކަނިވެސް ދުނިޔޭގެ 10 ގައުމަކަށް 633 ޓަނަށް ވުރެ ގިނަ މުދާ މި ހިދުމަތުގެ ދަށުން ފޮނުވައިފިއެވެ.
ރާއްޖޭގައި މި ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ މިއަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހުއެވެ. ކަނޑުމަގުން މުދާ ގެނައުމަށްފަހު ވައިގެ މަގުން ދުނިޔޭގެ އެކި މަންޒިލްތަކަށް ފޮނުވައިދޭ މި ހިދުމަތުގައި ޖުލައި މަހު ހަ އެއާލައިނަކުން ބައިވެރިވެފައިވާ ކަމަށް އެމްޕީއެލް އިން ވަނީ ހާމަކޮށްފައެވެ. މި ހިދުމަތުގެ ސަބަބުން ބައިނަލްއަގްވާމީ ވިޔަފާރީގެ މައިދާނުގައި ރާއްޖެއަކީ މުހިންމު ޓްރާންސިޓް ޕޮއިންޓަކަށް ވެގެންދާނެއެވެ. މިއީ ރާއްޖޭގެ އިގްތިސާދު ސިންދަފާތުކޮށް، އާމްދަނީ އިތުރުކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ.
އެމްޕީއެލުގެ ތަފާސް ހިސާބުތަކަށް ބަލާއިރުމިދިޔަ ޖުލައި މަހު މި މުދާތައް ހަ އެއާލައިނެއްގެ އެހީގައި ދުނިޔޭގެ 10 ގައުމަކަށް ފޮނުވާފައިވާ ކަމަށް އެމްޕީއެލް އިން މައުލޫމާތު ދެއެވެ. ސީ-ޓު-އެއާ ކާގޯގެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަށް މަގުފަހިވެފައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި އަލަށް ތަރައްގީކުރި ކާގޯ ޓާމިނަލްގެ ސަބަބުންނެވެ. މިދިޔަ އަހަރު ހުޅުވި މި ޓާމިނަލަކީ އަހަރަކު 120,000 ޓަނުގެ މުދާ ހޭންޑްލް ކުރުމުގެ ގާބިލުކަން ލިބިގެންވާ ތަނެކެވެ.
އެމްޕީއެލް އިން ބުނި ގޮތުގައި، ސީ-ޓު-އެއާ ކާގޯގެ ސަބަބުން ރާއްޖެއަށް ވަންނަ ބޭރު ފައިސާ އިތުރުވެ، ދިވެހި އިގްތިސާދަށް އާ ދިރުމެއް ލިބިގެންދާނެއެވެ. އަދި ކުރިއަށް އޮތް ތަނުގައި މި ހިދުމަތް އިތުރަށް ފުޅާކޮށް، ގިނަ އެއާލައިންތަކަކާއެކު މަސައްކަތް ކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.