MTCC

ރުކުމަޑި ނައްތާލުމަށް ހަނިމާދޫގައި ޕާމް ޕެސްޓް ބައިއޮލޮޖިކަލް ކޮންޓްރޯލް ސެންޓަރު ހުޅުވައިފި

Screenshot 2026-08-06 173423

ރުކުމަޑި ނައްތާލުމަށް ހަނިމާދޫގައި ޕާމް ޕެސްޓް ބައިއޮލޮޖިކަލް ކޮންޓްރޯލް ސެންޓަރު ހުޅުވައިފި

SHARE

ރާއްޖޭގެ އިޤްތިސާދާއި ދިރިއުޅުމާ ގުޅިފައިވާ ރުއްތަކަށް ޖެހޭ ބަލިތަކާއި، ޚާއްސަކޮށް ކުދި ރުކުމަޑި ކޮންޓްރޯލްކުރުމަށްޓަކައި ސައިންޓިފިކް ފެންވަރުގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢެއްގެ ދަށުން، ހަނިމާދޫގައި ޚާއްސަ މަރުކަޒެއް ރަސްމީކޮށް ހުޅުވައިފިއެވެ.

ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ގާއިމުކުރި "ޕާމް ޕެސްޓް ބައިއޮލޮޖިކަލް ކޮންޓްރޯލް ޕެރަސައިޓޮއިޑް ރީއާރިންގ ސެންޓަރު" ހުޅުއްވައިދެއްވީ މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް އާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިއަންހުއާ އެވެ. މި މަރުކަޒަކީ ޗައިނާ ސަރުކާރުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ "މޯލްޑިވްސް ކޮކަނަޓް ޓްރީ ޕެސްޓް ކޮންޓްރޯލް އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން ބިނާކުރި ތަނެކެވެ. މި މަޝްރޫޢުގެ ދަށުން ދެ ޤައުމުގެ ދެމެދުގައި އިމްޕްލިމެންޓޭޝަން އެގްރީމެންޓެއްގައި ސޮއިކޮށްފައިވަނީ 14 ޖުލައި 2025 ގައެވެ.

މި ސެންޓަރުގެ އެންމެ މުހިންމު ބޭނުމަކީ ކެމިކަލް ބޭނުންކުރުމުގެ ބަދަލުގައި، ތިމާވެއްޓާ ރައްޓެހި ގޮތަކަށް ރުކުމަޑި ކޮންޓްރޯލްކުރުމެވެ. އެގޮތުން، ރުކުމަޑި ފަދަ ގެއްލުންދޭ ސޫފިތަކަށް ޤުދުރަތީގޮތުން ޙަމަލާދޭ ފައިދާހުރި ސޫފި (ޕެރަސިޓޮއިޑް) މި ސެންޓަރުގައި އާލާކުރާނެއެވެ. މި މަރުކަޒުގައި ދުވާލަކު އެއްލައްކަ ޕެރަސިޓޮއިޑް އުފެއްދުމުގެ ޤާބިލުކަން ހުންނާނެ ކަމަށް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

ރާއްޖޭގައި ރުކުމަޑީގެ މައްސަލަ އެންމެ ފުރަތަމަ ފެންމަތިވެފައިވަނީ 1999 ވަނަ އަހަރު ސަން އައިލެންޑް ރިސޯޓުންނެވެ. އޭގެ ފަހުން އެކި ފަހަރުމަތިން މިކަން ހައްލުކުރަން މަސައްކަތް ކުރެވުނު ނަމަވެސް، ރުއްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލްކުރުމުގައި މިހާތަނަށް ވަނީ ގިނަ ގޮންޖެހުންތަކާ ކުރިމަތިވެފައެވެ.

2000 ވަނަ އަހަރު ކުރީކޮޅު މިނިސްޓްރީގެ އެދުމުގެ މަތިން އދ. ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަންއާ ގުޅިގެން، މި ޕެސްޓުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް "އިންޓަގްރޭޓެޑް ޕެސްޓް މެނޭޖްމަންޓް އޮފް ކޮކޮނަޓް ހިސްޕިޑް ބީޓްލް" މަޝްރޫޢު 2003 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު ވަނީ އިފްތިތާޙުކޮށްފައެވެ. މި މަޝްރޫޢުގެ ދަށުން، ކޮކޮނަޓް ހިސްޕިޑް ބީޓްލް ކޮންޓްރޯލް ކުރުމަށްޓަކައި ޕެރަސިޓޮއިޑް އާލާކޮށް، ބަލިޖެހިފައިވާ ސަރަޙައްދުތަކަށް ދޫކުރުމުގެ މަސައްކަތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން، ރާއްޖެއަށް ރުއް އެތެރެކުރުމުގެ އުޞޫލުތައް ހަރުދަނާކުރުމާއި، އެއް ރަށުން އަނެއް ރަށަށް ރުއް އުފުލުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން ކައުންސިލްތަކާ ހިއްސާކުރުމުގެ މަސައްކަތްތަކާ، ޕެސްޓަށް އާންމުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ޕެސްޓް ކޮންޓްރޯލްކުރުމަށްޓަކައި ކަރަންޓީންގެ މިންގަނޑުތައް ވެސް ދަނީ ތަންފީޒުކުރަމުންނެވެ.

އަލަށް ހުޅުވުނު މި ސެންޓަރާއެކު، ރުއްތަކަށް ގެއްލުންދޭ ސޫފިތައް ނައްތާލުމަށް ކުރާ މަސައްކަތަށް ދެމެހެއްޓެނިވި ހައްލެއް ލިބި، ރާއްޖޭގެ ކަނޑޫފާތަކާއި ރުއްގަނޑުތައް ހިމާޔަތްކުރުމަށް އިތުރު ބާރަކަށް ވެގެންދާނެއެވެ. މީގެ އިތުރުން، އެއް ރަށުން އަނެއް ރަށަށް ރުއް އުފުލުމުގައި ކަރަންޓީންގެ މިންގަނޑުތަކަށް ސަމާލުވުމަށް ކައުންސިލްތަކަށް އިރުޝާދު ދިނުމާއި އާންމުން ހޭލުންތެރިކުރުވުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ފުޅާކުރަމުންނެވެ.