ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ރާއްޖެއަށް އެތެރެވާން އުޅުނު މީހެއްގެ ހަށިގަނޑުގެ ތެރޭގައި ފޮރުވައިގެން 66 ބުލެޓްގެ މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި މަހުގެ 19 ވަނަ ދުވަހު އަތުލައިގަނެވުނު މި ތަކެތި ތަހުލީލުކުރިއިރު ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިންއަށް ޕޮޒިޓިވްވެފައެވެ. އެ މީހާގެ ހަށިގަނޑުން ނެގި 66 ބުލެޓްގެ ޖުމްލަ ބަރުދަނުގައި 1180 ގްރާމް ހުރި ކަމަށް ކަސްޓަމްސްއިން މަޢުލޫމާތުދެއެވެ.
އަތުލައިގަނެވުނު މި ތަކެތީގެ މަގުމަތީ އަގު 2.9 މިލިއަން ދިވެހި ރުފިޔާއަށްވުރެ އިތުރުވާނެ ކަމަށް ލަފާކުރެވެއެވެ. މި މީހާ އަތުލައިގަނެފައިވަނީ އޭނާގެ އަމަލުތައް ހުރިގޮތުން ޝައްކުކުރެވިގެން އިތުރަށް ބަލައި ފާސްކުރުމުގެ ތެރޭގައެވެ.
ކަސްޓަމްސްއިން މިހާރު ވަނީ މި މައްސަލައިގައި އަތުލައިގަނެވުނު މީހާ އާއި މަސްތުވާތަކެތި އިތުރަށް ތަޙުޤީޤު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކޮށްފައެވެ.
މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމަޢު ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ބޯޑަރު ކޮންޓްރޯލް ކުރުމާއި މަސްތުވާތަކެތި އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސްއިން ދަނީ ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންނެވެ.