MTCC

ގައުމު ހަލަބޮލިކުރަން ކުރާ މަސައްކަތްތަކަށް ފުރުސަތު ނުދީ، ފާރަވެރިވުމަށް ރައީސް ގޮވާލައްވައިފި

raees

ގައުމު ހަލަބޮލިކުރަން ކުރާ މަސައްކަތްތަކަށް ފުރުސަތު ނުދީ، ފާރަވެރިވުމަށް ރައީސް ގޮވާލައްވައިފި

SHARE

ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިކޮށް، ގައުމުގެ ހަމަޖެހުން ނަގާލުމަށް ބަޔަކު ރާވައިގެން ހިންގާ ހަރަކާތްތަކަށް ފުރުސަތު ނުދެއްވާ، ފާރަވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިރޭ އިލްތިމާސްކުރައްވައިފިއެވެ.

ރައީސްމިހެން ގޮވާލެއްވީ ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މާލެއިން ބޭރުގައި ބޭއްވި ފުރަތަމަ ހަރުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އއ. އުކުޅަހުގައި މިރޭ ބޭއްވި މި ޖަލްސާގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޖަލްސާގެ ބައިވެރިންނާ މުޚާޠަބު ކުރައްވަމުން ރައީސް ވިދާޅުވީ، ތަރައްގީވެފައިވާ ގައުމުތަކުގައި ގައުމަށް ފައިދާހުރި ކަންކަމުގައި ހުރިހާ ސިޔާސީ ފަރާތްތަކުން އެއްގަލަކަށް އެރުމަކީ ފެންނަ ރީތި ނަމޫނާއެއް ކަމަށެވެ. ނަމަވެސް، ރާއްޖޭގެ ސިޔާސީ މަސްރަހުން އެފަދަ މަންޒަރެއް ނުފެނުމަކީ ހިތާމަހުރި ކަމެއްކަން ފާހަގަކުރައްވައި، ސިޔާސީ ބައެއް ފަރާތްތަކުން އުފައްދާ ނުރަނގަޅު އޮއިވަރުތަކުގައި ނުޖެހުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ރައީސް ވިދާޅުވީ ދިވެހިންނަކީ ތައުލީމީ، ހޭލުންތެރި ބައެއް ކަމަށާއި، ގައުމުގެ ކަންކަން ހަލަބޮލިކުރަން ދައްކާ ވާހަކަތަކާމެދު އަމިއްލަ ބުއްދިން ވިސްނައި ގޮތް ނިންމުމުގެ ގާބިލުކަން ދިވެހިންގެ ކިބައިގައި ހުންނަންވާނެ ކަމަށެވެ.

"މިގައުމުގައި މިހާރު މިހިނގާ ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ނޫނިއްޔާ ސިޔާސީގޮތުން ކުރެވޭ ކަންކަމާ ދައްކާ ވާހަކައިގެ ތެރޭގައި އަޅުގަނޑުމެން އެ އޮއިވަރުގެ ތެރެޔަށް ވަދެގެންނުވާނެ. އެ އޮއިވަރުގެ ތެރެއަށް ދީލާލައިފިނަމަ މި ގެނެސްދީފައިވާ ހަމަޖެހުން އިސާހިތަކު ގެއްލިގެން ހިނގައިދާނެ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ސިޔާސީ ބަދަލުހިފުމުގެ ރޫހު ނައްތާލައި، ގައުމުގައި ސިޔާސީ ހަމަޖެހުން ގާއިމުކުރުމަކީ އެމަނިކުފާނުގެ މުހިންމު ވައުދުފުޅެއްކަން ފާހަގަކުރައްވަމުން، އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކަށް ރައްޔިތުން ސަމާލުވުމަށް އެދިވަޑައިގެންނެވިއެވެ. ޚާއްޞަކޮށް ޒުވާނުން މަގު އޮޅުވާލާ ފަރާތްތަކުގެ މަޅީގައި ނުޖެހުމަށާއި، އިސްރަށްވެހިން ޒުވާނުންނަށް ސައްހަ މައުލޫމާތު ފޯރުކޮށްދިނުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތްއިރު ގައުމުގެ ހާލަތު އޮތް ގޮތް ސިފަކުރައްވަމުން ރައީސް ވިދާޅުވީ، އެ ދުވަސްވަރު ރާއްޖޭގެ އިގްތިސާދު އޮތީ ބޮޑު އަދަވަޅެއްގައި ކަމަށާއި، އިޖުތިމާއީ ފޭރާން ވީދި، ތަރައްގީގެ މަޝްރޫއުތައް އޮތީ ހުއްޓިފައި ކަމަށެވެ. ނަމަވެސް، މިވީ ކުރު މުއްދަތުގެ ތެރޭގައި އެ ހާލަތު ބަދަލުކޮށް، ގައުމަށް އުުންމީދީ ބަދަލުތަކެއް ގެނެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒު ވާހަކަފުޅު ނިންމަވާލެއްވީ، ގައުމުގެ އިގްތިސާދު އަނެއްކާވެސް ނުރައްކަލުގެ ތެރެއަށް ވައްޓާލަން އެއްވެސް ފަރާތަކަށް ފުރުސަތު ނުދެއްވާނެ ކަމަށާއި، ރާއްޖޭގެ ތަރައްގީއާއި ހަމަޖެހުން ދެމެހެއްޓުމުގައި ސާބިތުކަމާއެކު ހުންނަވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވަމުންނެވެ.