އަރިއަތޮޅު އުތުރުބުރީ އުކުޅަހުގެ ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫޢުތަކާއި، ރަށަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، އެރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ އިތުރުން މުއައްސަސާތަކުގެ އިސްވެރިންނާ މިއަދު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
މިއަދު މެންދުރު އުކުޅަހު ކޮންވެންޝަން ސެންޓަރުގެ އިދާރާގައި ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ގިނަ ކަންތައްތަކެއް ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން އެންމެ ބޮޑަށް އިސްކަންދީގެން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށްޓަކައި އިތުރު ހައުސިންގ ޔުނިޓްތަކެއް ބޭނުންވާކަން ހިމެނެއެވެ. މީގެ އިތުރުން، ރަށުގެ ބިން އިތުރަށް ހިއްކުމަށާއި، މިހާރު ހިއްކާ ނިމިފައިވާ ސަރަހައްދަށް ބޭނުންވާ ފެނާއި، ނަރުދަމާ، އަދި ކަރަންޓުގެ ޚިދުމަތް އަވަސްކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. އަދި ރަށުގެ މަގުތައް ހެދުމުގެ މަޝްރޫޢަކީވެސް ރަށުގެ ރައްޔިތުންގެ ބޮޑު އުންމީދެއްކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.
ރަށުގެ އިޤްތިޞާދީ އަދި އިޖުތިމާޢީ ދާއިރާއިން ހުރި ކަންބޮޑުވުންތައް ޙިއްޞާކުރައްވަމުން، އުކުޅަހު އިންޖީނުގެ ބޮޑުކުރުމަށް ބޭނުންވާ ބިމެއް ހޯދުމުގައި ހުރި ދަތިތަކާއި، ރަށުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތް ވެމްކޯއާ ޙަވާލުކުރުމުގެ މުހިންމުކަން ކައުންސިލުން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ރަށުގެ މަސްވެރިންނަށާއި އާންމުންނަށް އަގުހެޔޮކޮށް ތެޔޮ ލިބޭނެ އިންތިޒާމެއް ހަމަޖައްސަވައިދެއްވުމަށްވެސް މި ބައްދަލުކުރެއްވުމުގައި އެދިވަޑައިގެންފައިވެއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ދެއްކެވި ވާހަކަފުޅުގައި، ކައުންސިލުން ފާހަގަކުރެއްވި ކަންކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން އެކަންކަން ބައްލަވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި، އުކުޅަހުގައި މިހާރު ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ރައީސް ވަނީ ކައުންސިލާ ޙިއްސާކުރައްވާފައެވެ.