MTCC

އުކުޅަހުގައި 5 ޓަނުގެ އައިސް ޕްލާންޓެއް ގާއިމްކުރުމަށް ބަޔަކާ ހަވާލުކޮށްފި

HO87AWaaoAE7uuE

އުކުޅަހުގައި 5 ޓަނުގެ އައިސް ޕްލާންޓެއް ގާއިމްކުރުމަށް ބަޔަކާ ހަވާލުކޮށްފި

SHARE

އއ. އުކުޅަހުގައި 5 ޓަނުގެ އައިސް ޕްލާންޓެއް ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން ބަޔަކާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު ކުރިއަށްދިޔައީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. ރައީސް އުކުޅަހަށް ކުރެއްވި މި ދަތުރުފުޅަކީ "ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް" (ސިޑްސް-އެސް.އޭ.އައި) ސިމްޕޯޒިއަމް ނިންމުމަށާއި، "އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް" (އައި.ޑީ.އައި) ގްލޯބަލް ސަމިޓް އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މަސްވެރިކަމާއި، ދަނޑުވެރިކަމާއި، އަދި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވިއިރު، މި މަސައްކަތް ހަވާލުކޮށްފައިވަނީ ޅެހި ކޮންސްޓްރަކްޝަން އެންޑް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑާއެވެ. މި މަޝްރޫޢަކީ 5 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރެވުނު މަސައްކަތެކެވެ.

އުކުޅަހުގައި ބިނާކުރާ މި އައިސް ޕްލާންޓަކީ ރާއްޖޭގައި ފަރުމަސްވެރިކަމަށް ޚާއްޞަކޮށްގެން ބިނާކުރާ ފުރަތަމަ އައިސް ޕްލާންޓެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި، ފަރުމަސްވެރިކަމަށް އަމާޒުކޮށްގެން މި އަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އިތުރު 5 އައިސް ޕްލާންޓެއް ގާއިމްކުރެވޭނެއެވެ.

މަސްވެރިންނަށް ފަސޭހަކަމާއެކު އައިސް ލިބޭނެ މަގު ތަނަވަސްކޮށްދިނުމުގެ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް 5 ރަށެއްގައި އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. އޭގެ ތެރޭގައި ގއ. ދެއްވަދޫގައި ގާއިމްކުރި 25 ޓަނުގެ ޕްލާންޓުގެ އިތުރުން، ށ. ފުނަދޫ، ރ. މީދޫ، ދ. ބަނޑިދޫ އަދި ގއ. ގެމަނަފުށީގައި ގާއިމްކުރި 30 ޓަނުގެ އައިސް ޕްލާންޓުތައް ހިމެނެއެވެ.

މީގެ އިތުރުން، ބ. ކުޑަރިކިލި، ލ. ހިތަދޫ އަދި ލ. މާވަށުގައި ކޮންޓްރެކްޓަރ ފައިނޭންސްގެ އުސޫލުން ކުރިއަށްގެންދާ މަޝްރޫޢުތަކާއި، އިތުރު 11 ރަށެއްގައި 30 ޓަނުގެ އައިސް ޕްލާންޓް ގާއިމްކުރުމުގެ މަސައްކަތް ހިމެނޭހެން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ 15 ރަށެއްގައި އައިސް ޕްލާންޓް އެޅުމުގެ އަމަލީ މަސައްކަތް މިހާރުވެސް ދަނީ ހިނގަމުންނެވެ.

ސަރުކާރުގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން މ. ވޭވަށުގައި 60 ޓަނުގެ އައިސް ޕްލާންޓަކާއި، ލ. މާބައިދޫގައި 60 ޓަނުގެ ކޯލްޑް ސްޓޯރޭޖެއްގެ މަސައްކަތް ނިންމުމެވެ. ހަމައެއާއެކު، ޅ. ނައިފަރުގައި 40 ޓަނުގެ އައިސް ޕްލާންޓެއް ބެހެއްޓުމާއި، ފެލިވަރުގެ ކޯލްޑް ސްޓޯރޭޖްގެ ގާބިލުކަން 100 ޓަނަށް އިތުރުކުރުމުގެ މަސައްކަތްވެސް ބާރުމިނުގައި ކުރިއަށްދާކަން މަސްވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރެއެވެ.