ވިލުންތެރި ދައުލަތެއް ބިނާކުރުމުގެ އެންމެ މުހިންމު އަސާސަކީ ނަޒާހަތްތެރިކަން އިތުރުކުރުމާއި، އީޖާދީ ކަންކަމަށް އިންވެސްޓްކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
"ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް ސުޕްރީމް އޮޑިޓް އިންސްޓިޓިއުޝަންސް" (ސިޑްސް-އެސްއޭއައި) ސިމްޕޯޒިއަމް ނިންމުމަށާއި، "އިންޓޮސާއީ ޑިވެލޮޕްމެންޓް އިނީޝިއޭޓިވް" (އައިޑީއައި) ގްލޯބަލް ސަމިޓް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހަގީގީ ވިލުންތެރިކަމެއް ގާއިމުކުރެވޭނީ ހަރުދަނާ މުއައްސަސާތަކެއްގެ މައްޗަށް ބިނާވެގެންކަން ފާހަގަކުރެއްވިއެވެ. އަދި ދައުލަތުގެ މާލީ ކަންކަން ޒިންމާދާރުކަމާއެކު ބެލެހެއްޓުމާއި، ދެފުށް ފެންނަ އުސޫލުތައް ގާއިމުކުރުމަކީ ވިލުންތެރިކަން އިތުރުކޮށްދޭނެ ކަންކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމައެއާއެކު، ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު ދެމެހެއްޓުމުގައި ދައުލަތުގެ އޮޑިޓް މުއައްސަސާތަކުގެ ދައުރު މި ދަނޑިވަޅުގައި ވަރަށް މުހިންމު ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ދައުލަތުގެ މާލިއްޔަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ރައްޔިތުންނާއި ތަރައްޤީގެ ބައިވެރިން ދައުލަތަށް ދޭ ކޮންމެ ފައިސާއަކީ އޭގެ މަގުސަދު ހާސިލްވާނެ ގޮތަށް ހޭދަކުރެވޭ ފައިސާއަކަށް ވާންޖެހޭނެ ކަމަށެވެ. ޖަވާބުދާރީވުމަކީ ހަމައެކަނި އިދާރީ ހިންގުމުގެ ބައެއް ނޫން ކަމަށާއި، އެއީ ގައުމުގެ ކުރިއެރުމުގެ މައިގަނޑު އަސާސްކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
ކުދި ޖަޒީރާ ގައުމުތަކަށް ހުރި ގޮންޖެހުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ސިޑްސްގެ ގިނަ ގައުމުތަކަކީ ދަރަނި މެނޭޖުކުރަމުން މުސްތަގުބަލަށް އިންވެސްޓްކުރަމުންދާ ގައުމުތަކެއް ކަމަށެވެ. އަދި ބައިނަލްއަގުވާމީ ނުތަނަވަސްކަމާއި ބޭރުގެ ފިއްތުންތައް ހުރި ނަމަވެސް، ރާއްޖެއިން އަންނަނީ ދައުލަތުގެ މާލީ އިލްތިޒާމުތައް ފުރިހަމައަށް އަދާކުރަމުން ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
މީގެ އިތުރުން، ހިންގުމުގެ ނިޒާމު ޒަމާނީ ކުރުމުގެ މުހިންމުކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ޑިޖިޓަލް ޓްރާންސްފޮމޭޝަނުގެ ސަބަބުން ރާއްޖެއަށް ކުރިމަތިވާ ގިނަ ހުރަސްތަކަކަށް ހައްލު ލިބޭނެ ކަމަށެވެ. އެގޮތުން ސަރުކާރުން އިސްނަގައިގެން ކުރިއަށްގެންދާ "މޯލްޑިވްސް 2.0″ މަޝްރޫއުގެ ދަށުން، ރައްޔިތުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދޭ ޒަމާނީ ޑިޖިޓަލް ދައުލަތެއް ބިނާކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ރައީސް ވަނީ އަންނަން އޮތް ޖީލުތަކަށް ހަރުދަނާ ޑިމޮކްރަސީއަކާއި ދުޅަހެޔޮ އިގުތިސާދެއް ކަށަވަރުކޮށްދިނުމަށްޓަކައި، އިޚުލާސްތެރިކަމާއެކު މަސައްކަތް ކުރުމަށް ހުރިހާ މުއައްސަސާތަކަކަށް ގޮވާލައްވާފައެވެ.