ދަތުރުފަތުރާއި ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގައި ދެވޭ އެންމެ ޝަރަފުވެރި އެއް އެވޯޑް ކަމަށްވާ "ވޯލްޑް ޓްރެވަލް އެވޯޑްސް 2026″ ގެ މުހިންމު ދެ ކެޓަގަރީއަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ) އާއި މާމަހި އެގްޒެކެޓިވް ލައުންޖް ނޮމިނޭޓްވެއްޖެއެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން މިއަދު ހާމަކުރި ގޮތުގައި، ރާއްޖޭގެ މައި އެއަރޕޯޓް، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ނޮމިނޭޓްވެފައިވަނީ "އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް 2026″ ގެ މަޤާމަށެވެ. މިއީ މި ޝަރަފުވެރި ލަޤަބަށް މި އެއަރޕޯޓް ނޮމިނޭޓްވި އެތައް ފަހަރެއްގެ ތެރެއިން ފަހަރެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި މީގެ ކުރިން 12 ފަހަރު މި އެވޯޑް ވީ.އައި.އޭ އިން ވަނީ ކާމިޔާބުކޮށްފައެވެ. މި ނޮމިނޭޝަނަކީ އިންޑިއާ ކަނޑުގެ ސަރަޙައްދުގައި ފާހަގަކޮށްލެވޭ އެންމެ ކުރިއަރާފައިވާ އެއް އެއަރޕޯޓުގެ ގޮތުގައި މި އެއަރޕޯޓުން ދަމަހައްޓަމުންދާ ފެންވަރު ރަމްޒުކޮށްދޭ ކަމެކެވެ.
އެއަރޕޯޓުން ފޯރުކޮށްދޭ ޕްރީމިއަމް ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ "މާމަހި އެގްޒެކެޓިވް ލައުންޖް" ނޮމިނޭޓްވެފައިވަނީ "އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް ލައުންޖް 2026″ ގެ މަޤާމަށެވެ. މިއީ އެ ލައުންޖުން ފަސިންޖަރުންނަށް ފޯރުކޮށްދޭ ފެންވަރު ރަނގަޅު އަދި އަރާމު ޚިދުމަތްތަކަށް ބައިނަލްއަޤުވާމީ ފެންވަރުގައި ލިބުނު ބޮޑު ބަލައިގަތުމެއް ކަމަށް އެމްއޭސީއެލުން ވަނީ ބުނެފައެވެ.
1993 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ފަތުރުވެރިކަމުގެ ސިނާޢަތުގެ "އޮސްކާ" ގެ ގޮތުގައި ސިފަކުރެވޭ އެވޯޑެކެވެ. އެމް.އޭ.ސީ.އެލް އިން ބުނި ގޮތުގައި މި ނޮމިނޭޝަންތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެއަރޕޯޓުގެ ޚިދުމަތްތައް ތަރައްޤީކޮށް، ފަސިންޖަރުންގެ ތަޖުރިބާ ފުރިހަމަކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބޭ ހިތްވަރެކެވެ. އަދި މިއީ ރާއްޖޭގެ އިޤްތިސާދީ މައި ދޮރާށީގެ މަޤާމު ބައިނަލްއަޤުވާމީ މައިދާނުގައި އިތުރަށް ވަރުގަދަކުރުމަށް ކުރެވޭ މެދުނުކެނޑި މަސައްކަތުގެ ނަތީޖާއެކެވެ.
މި އެވޯޑަށް ވޯޓު ދިނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެގޮތުން ތިރީގައިވާ ލިންކުތައް މެދުވެރިކޮށް ވޯޓު ދެއްވޭނެއެވެ.
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް – އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް 2026
https://www.worldtravelawards.com/vote-for-velana-international-airport-maldives-2026
މާމަހި އެގްޒެކެޓިވް ލައުންޖް – އިންޑިއަން އޯޝަންސް ލީޑިންގ އެއަރޕޯޓް ލައުންޖް 2026
https://www.worldtravelawards.com/vote-for-maamahi-executive-lounge-maldives-2026
މި ދެ އެވޯޑް ކާމިޔާބު ކުރުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށާއި، ދަތުރުފަތުރުގެ ދާއިރާއަށް ލިބިގެންދާނެ ވަރަށް ބޮޑު ޝަރަފެކެވެ.