ޒަކާތު ފަންޑާއި ވަގުފް ފަންޑު ގުޅިގެން ގާތްގަނޑަކަށް 300 މިލިއަން ރުފިޔާގެ ބޮޑު އިންވެސްޓްމަންޓް މަޝްރޫއުތަކެއް ކުރިއަށްދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ޙަސަން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ބަލަހައްޓާ ޒަކާތު ފަންޑަށް ރައްޔިތުން ކުރާ އިތުބާރު މިހާރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. މީގެ އިތުރުން ވަގުފް ފަންޑުވެސް ބާރުމިނުގައި ކުރިއަރަމުން އަންނަކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ޑރ. ޝަހީމް ވިދާޅުވި ގޮތުގައި، މިހާރު ފަށާފައިވާ 300 މިލިއަން ރުފިޔާގެ އިންވެސްޓްމަންޓްތަކާއެކު، ކުރިއަށް އޮތް އެއް އަހަރު ނުވަތަ ދެ އަހަރު ދުވަހުގެ ތެރޭގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަކީ މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވެފައިވާ ތަނަވަސް ވުޒާރާއަކަށް ވެގެންދާނެއެވެ. މި މަސައްކަތުގެ މައިގަނޑު އަމާޒަކީ ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ، ވުޒާރާގެ އަމިއްލަ ފައިސާއިން އިސްލާމީ ދައުވަތު ފެތުރުމާއި އެހެނިހެން ދީނީ ހަރަކާތްތައް ހިންގުމެވެ.
"މިހާރު އަޅުގަނޑުމެން ކުރިއަށް އެބަ ގެންދަން ގާތްގަނޑަކަށް 300 މިލިއަނެއްހާ ރުފިޔާގެ އިންވެސްޓްމަންޓް، ވަގުފު ފަންޑާއި ޒަކާތު ފަންޑު ގުޅިގެން. އަހަރެއްހާ ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި، އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއަކީ އަމިއްލަ ޒާތުގައި ވަރަށް ތަނަަވަސް ވުޒާރާއަކަށް ވެެގެންދާނެ." ޝަހީމް ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މާލޭގައި އިސްލާމީ މަރުކަޒު ބިނާކުރި އިރު، އެތަން ބަލަހައްޓާނެ މާލީ އިންތިޒާމެއް އޭރު ހަމަޖެހިފައި ނެތުމަކީ ދިމާވި ގޮންޖެހުމެކެވެ. ދުނިޔޭގެ އެހެން ގައުމުތަކުގައި މިފަދަ ބިނާތައް ބެލެހެއްޓުމަށް ވަގުފް ފަދަ މާލީ ނިޒާމުތައް ގާއިމުކުރާ ކަމަށާއި، އެފަދަ އިންތިޒާމެއް ނެތްނަމަ ބިނާތައް ހަލާކުވެދާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
ހުރިހާ ކަމަކީ ހަމައެކަނި ދައުލަތުގެ ބަޖެޓަށް ބަރޯސާވެގެން ކުރެވޭނެ ކަންކަން ނޫން ކަމަށާއި، ދީނީ ކަންކަން ކުރިއެރުވުމަށް ދެމެހެއްޓެނިވި މާލީ ނިޒާމެއްގެ މުހިންމުކަން ވަޒީރު ފާހަގަކުރެއްވިއެވެ.