MTCC

އަމީނީމަގު މަރާމާތަށް ބަންދުކުރުމާ ގުޅިގެން ބަހުގެ ރޫޓުތަކަށް ބޮޑު ބަދަލެއް

images

އަމީނީމަގު މަރާމާތަށް ބަންދުކުރުމާ ގުޅިގެން ބަހުގެ ރޫޓުތަކަށް ބޮޑު ބަދަލެއް

SHARE

އަމީނީމަގުގެ ތާރުގަނޑު މަރާމާތު ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، އެ މަގުގެ ބައެއް ސަރަހައްދުތައް ބަންދުކުރުމާ ގުޅިގެން މާލޭގެ ބަހުގެ ރޫޓުތަކަށް އެމްޓީސީސީން ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

އެމްޓީސީސީން މިއަދު އިއުލާންކުރި ގޮތުގައި، އަމީނީމަގުގެ ފުރަތަމަ ސެގްމެންޓުގެ މަސައްކަތަށް މިރޭ މެންދަމު 12:00 އިން ފެށިގެން، އިއްޒުއްދީން މަގާ ހިސާބުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮންނަ ސަރަހައްދު އާންމު ދަތުރުފަތުރަށް ބަންދުވާނެއެވެ. މި ބަދަލާއެކު، އާންމުކޮށް ގިނަ ބަޔަކު ހިދުމަތް ހޯދާ އައިޖީއެމްއެޗް، ދަރުމަވަންތަ ހޮސްޕިޓަލް އަދި ސޯޝަލް ސެންޓަރު ކައިރީގައި ހުންނަ ބަސް ހުއްޓިތަކަށް ކުރާ ދަތުރުތައް ވަނީ މެދުކަނޑާލާފައެވެ.

ބަހުގެ ހިދުމަތަށް އައި ބަދަލުތައް:

  • އާރު 10 ރޫޓު: ދަރުމަވަންތަ ބަސް ހުއްޓިއަށް މަޑުކުރުމުގެ ބަދަލުގައި ދެން މަޑުކުރާނީ ވެސްޓް ޕާކް ކައިރީގެ ބަސް ހުއްޓިއަށެވެ. އަދި އައިޖީއެމްއެޗާއި ސޯޝަލް ސެންޓަރު ހިމެނޭ ސަރަހައްދަށް މި ރޫޓުގެ ބަސް މަޑެއް ނުކުރާނެއެވެ.
  • އާރު 11 ރޫޓު: މަގު ހަދާ ނިމެންދެން މި ރޫޓުގެ ހިދުމަތް މުޅިން މެދުކަނޑާލެވޭނެއެވެ.
  • އާރު 1, އާރު 3, އާރު 7 އަދި އާރު 15 ރޫޓު: މި ރޫޓުތަކުގެ އެންމެ ފަހު މަންޒިލަކަށް ވާނީ މާފަންނު ބަސް ޓާމިނަލެވެ. އެހެންކަމުން، ފުޑްކޯޓު، ދަރުމަވަންތަ އަދި ވެސްޓް ޕާކް ބަސް ހުއްޓިތަކަށް މި ރޫޓުތަކުން ހިދުމަތެއް ނުލިބޭނެއެވެ.

ފުލުހުން ބުނެފައިވާ ގޮތުގައި، މަގު ހެދުމުގެ މަސައްކަތް މާދަމާ ފަށާއިރު، މި މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކުރެވެނީ މި މަހުގެ 28 ވަނަ ދުވަހަށެވެ. އެހާތަނަށް އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެނެސްފައިވާ ބަދަލުތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

އަމީނީމަގުގެ ތާރުގަނޑު އުފުލި، ދަތުރުފަތުރު ކުރުމަށް ދަތިވާތީ، އެ މަގު އަލުން މަރާމާތުކުރުމަށް އުމްރާނީ ތަރައްގީއާ ބެހޭ މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ ޖޫން މަހުގެ 15 ވަނަ ދުވަހުއެވެ. މި މަރާމާތުގެ ސަބަބުން ބަހުގެ ހިދުމަތް ހޯދާ ފަރާތްތަކަށް ދިމާވެދާނެ ދަތިތަކަށް އެމްޓީސީސީން ވަނީ މައާފަށް އެދިފައެވެ.