MTCC

ދައުލަތުގެ އާމްދަނީ 10.9 އިންސައްތަ އިތުރުވެ 24.1 ބިލިއަން ރުފިޔާއަށް އަރައިފި

މާލީ ވުޒާރާ

ދައުލަތުގެ އާމްދަނީ 10.9 އިންސައްތަ އިތުރުވެ 24.1 ބިލިއަން ރުފިޔާއަށް އަރައިފި

SHARE

ދައުލަތުގެ އާމްދަނީއަށް ބޮޑު ކުރިއެރުމެއް ލިބި، މި އަހަރުގެ ޖުލައި 23 ގެ ނިޔަލަށް 24.1 ބިލިއަން ރުފިޔާ އާމްދަނީގެ ގޮތުގައި ލިބިއްޖެއެވެ.

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަޕްރައިޒަސްއިން އެންމެ ފަހުން އާންމުކުރި "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 21.7 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 10.9 އިންސައްތަ ނުވަތަ 2.4 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އާމްދަނީ މިހާ ބޮޑަށް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޓެކްސްގެ ގޮތުގައި، ޚާއްޞަކޮށް މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީ.އެސް.ޓީ) އިން ލިބުނު އާމްދަނީ އިތުރުވުމެވެ.

ޓެކްސްގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ވަނީ 12.1 އިންސައްތަ އިތުރުވެ، 18.4 ބިލިއަން ރުފިޔާއަށް އަރާފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީ އެވެ. ޖީ.އެސް.ޓީގެ ގޮތުގައި 10.0 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 9.7 އިންސައްތަ އިތުރު އަދަދެކެވެ. މީގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީ.ޖީ.އެސް.ޓީގެ ގޮތުގައި ލިބުނު 6.9 ބިލިއަން ރުފިޔާ ވެސް ހިމެނެއެވެ.

އާމްދަނީއާއެކު ދައުލަތުގެ ޖުމްލަ ޚަރަދުތައް ވެސް ވަނީ 25.5 ބިލިއަން ރުފިޔާއަށް މަތިވެފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 19.7 އިންސައްތައިގެ އިތުރުވުމެކެވެ. ޚަރަދުތައް އިތުރުވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހިމެނެނީ:

  • މުސާރައާއި އުޖޫރަ: 2025 ވަނަ އަހަރުގެ ނޮވެންބަރު މަހު ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމާ ގުޅިގެން، މުސާރައަށް ކުރާ ޚަރަދު ވަނީ 8.5 ބިލިއަން ރުފިޔާއަށް އަރާފައެވެ.
  • ސަބްސިޑީ: މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލާއި ތަކެތީގެ އަގު އުފުލުމުގެ ސަބަބުން، ސަބްސިޑީއަށް ކުރާ ޚަރަދު 79.0 އިންސައްތަ އިތުރުވެ 3.2 ބިލިއަން ރުފިޔާއަށް ވަނީ އަރާފައެވެ.
  • އާސަންދަ: ސިއްހީ ފަރުވާގެ ޚިދުމަތް ނުވަތަ އާސަންދައަށް ކުރި ޚަރަދު ވެސް ވަނީ 14.8 އިންސައްތަ އިތުރުވެ 1.2 ބިލިއަން ރުފިޔާއަށް އަރާފައެވެ.

މި އަހަރުގެ ބަޖެޓުގައި އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކުރި 40.4 ބިލިއަން ރުފިޔާގެ ތެރެއިން 59.7 އިންސައްތަ މިހާތަނަށް ވަނީ ލިބިފައެވެ. މާލީ ހިސާބުތަކުން ދައްކާ ގޮތުގައި ދައުލަތުގެ އޯވަރޯލް ބެލެންސް މިވަގުތު ހުރީ 1.4 ބިލިއަން ރުފިޔާގެ ޑެފިސިޓެއްގައެވެ.