MTCC

އަމާން ޓަވަރުތަކުން 5،000 އަށްވުރެ ގިނަ ޓަނުގެ ކުނި އުކާލައިފި

fdc Kuni

އަމާން ޓަވަރުތަކުން 5،000 އަށްވުރެ ގިނަ ޓަނުގެ ކުނި އުކާލައިފި

SHARE

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކޮށްފައިވާ އަމާން ޓަވަރުތަކުގެ ސަރަހައްދު ސާފުކޮށް ބެލެހެއްޓުމަށް ބޮޑު ހޭދައެއް ކުރަންޖެހިފައިވާ ކަމަށާއި މިހާތަނަށް 5،000 އަށްވުރެ ގިނަ ޓަނުގެ ކުނި އުކާލާފައިވާ ކަމަށް އެ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

އެފްޑީސީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އަމާން ޓަވަރުތައް ހިމެނޭ ސަރަހައްދުން މިހާތަނަށް ޖުމްލަ 5،040 ޓަނުގެ ކުނި ވަނީ އުކާލާފައެވެ. މީގެ ތެރޭގައި ހިމެނެނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މިއަހަރުގެ މާޗް މަހުގެ ނިޔަލަށް އުކާލި 3،178 ޓަނުގެ ކުނި އަދި މިއަހަރުގެ މެއި މަހުން ޖޫން މަހުގެ ނިޔަލަށް އުކާލި 1،862 ޓަނުގެ ކުަންޏެވެ.

މި މަސައްކަތަށް ހިނގި ޚަރަދުތަކަށް ބަލާއިރު، މިދިޔަ އަހަރުގެ އޮކްޓޯބަރުން މިއަހަރުގެ މާޗަށް 8.45 މިލިއަން ރުފިޔާ ހޭދަވެފައިވެއެވެ. އަދި އޭޕްރީލް މަހު 75.1 ހާސް ރުފިޔާ ހަރަދުވެފައިވާއިރު، މެއި މަހުން ޖޫން މަހަށް 4.95 މިލިއަން ރުފިޔާ ވަނީ ހޭދަވެފައެވެ. އެހެންކަމުން، އާންމު ސަރަހައްދުތައް ސާފުކުރުމާއި ކުނި ނައްތާލުމަށް މިހާތަނަށް ޖުމްލަ 13.4 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުވެފައެވެ.

އެފްޑީސީން ފާހަގަކުރި ގޮތުގައި، ކުނި ނައްތާލުމަށް މިހާ ބޮޑު ހޭދައެއް ކުރަންޖެހެނީ އާންމު ސަރަހައްދުތަކަށް ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ގިނަ އަދަދެއްގެ ކުނި އަޅަމުންދާތީއެވެ. މިފަދަ އިހުމާލުތަކުގެ ސަބަބުން ދައުލަތުގެ ބަޖެޓުންނާއި ކޯޕަރޭޝަނުން ކުރަންޖެހޭ ޚަރަދުތައް ނިސްބަތުން އިތުރުވަމުންދާކަން އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.

އެހެންކަމުން، އާންމު ސަރަހައްދުތަކަކީ އެންމެންނަށް ހިތްފަސޭހަ މާހައުލަކަށް ހެދުމަށާއި، ބޭކާރު ޚަރަދުތައް ކުޑަކުރުމަށްޓަކައި، ކުނި އުކާލުމުގައި މިހާރަށްވުރެ ޒިންމާދާރުވުމަށް އެފްޑީސީން ވަނީ އާންމުންގެ ކިބައިން އިލްތިމާސްކޮށްފައެވެ.