މައިންނަށް ދީފައިވާ ލުއިތަކުގެ ބޭނުން ފުރިހަމައަށް ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު އިލްތިމާސްކުރައްވައިފިއެވެ.
ދުނިޔޭގެ ގާތުންދިނުމުގެ ހަފްތާ ފާހަގަކުރުމުގެ މުނާސަބަތުގައި މެޑަމް ސާޖިދާ މިވަނީ ރާއްޖޭގެ ހުރިހާ މައިންނަށް ހާއްސަ މެސެޖެއް ދެއްވާފައެވެ.
މިއަދު އެކަމަނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދަރިފުޅަށް ގާތުންދިނުމަށް މައިން ކުރާ ކޮންމެ މަސައްކަތަކާއި، ހޭލާ ހޭދަކުރާ ކޮންމެ ރެޔަކީ ލޯތްބާއި ގުރުބާނީގެ ނަމޫނާއެއް ކަމަށެވެ. ގާތުންދިނުމަކީ ހަމައެކަނި ކާނާ ފޯރުކޮށްދިނުން ނޫން ކަމަށާއި، އެއީ ދަރިފުޅުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، ނަފްސާނީ ގޮތުން ދަރިފުޅަށް ލިބިދޭ އެންމެ ފުރަތަމަ ރައްކާތެރިކަން ކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
މި މެސެޖުގައި މެޑަމް ސާޖިދާ ވަނީ ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއިން މިދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ވަޒީފާ އަދާކުރާ މައިންނަށް ދޭ "ނާސިންގ ބްރޭކް" ނުވަތަ ގާތުންދިނުމަށް ހުސްކުރާ ވަގުތު ކުއްޖާއަށް 2 އަހަރު ވަންދެން އިތުރުކޮށްދިނުމާއި، ވިހެއުމާ ގުޅިގެންދޭ މުސާރަ ލިބޭ ޗުއްޓީގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތުއްތު ކުދިންގެ ސިއްހީ ޚިދުމަތްތައް ފުޅާކޮށްފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މެޑަމް ސާޖިދާ އިތުރަށް ވިދާޅުވީ، ސަރުކާރުން ފޯރުކޮށްދީފައިވާ މިފަދަ ލުއިތަކާއި ޙައްޤުތަކުގެ ބޭނުން ހުރިހާ މައިންވެސް ފުރިހަމައަށް ހިފުމަކީ މުހިންމު ކަމެއް ކަމަށެވެ. އަދި މައިންނަށް މި މުހިންމު ޒިންމާ އަދާކުރުމުގައި އާއިލާތަކާއި، ވަޒީފާދޭ ފަރާތްތަކާއި، މުޅި މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާނެ ކަމަށާއި، އެއީ އެންމެންގެ މައްޗަށް އޮތް ގައުމީ ޒިންމާއެއް ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ.
މިއަހަރުގެ ގާތުންދިނުމުގެ ހަފްތާގެ ޝިއާރު ކަމަށްވާ "ދެމެހެއްޓެނިވި ފެށުމަކަށް ގާތުންދިނުން: ހުރި ފުރުސަތުތައް ވަރުގަދަކުރަމާ" މި ޝިއާރަށް ތާއީދުކުރައްވައި، މެޑަމް ސާޖިދާ ވަނީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި އެންމެން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފައެވެ.