މިއަހަރު ފުރަތަމަ ހަ މަސްދުވަހު މާލެ ސަރަހައްދުގައި 1،300 އަށްވުރެ ގިނަ އެކްސިޑެންޓް ހިނގައިފިއެވެ.
މާލޭގެ މަގުތަކާއި، ސިނަމާލެ ބްރިޖު އަދި ހައިވޭގައި ހިނގާ އެކްސިޑެންޓްތަކުގެ އަދަދު ކަންބޮޑުވާ މިންވަރަކަށް އިތުރުވެފައިވާކަން ދިވެހި ފުލުހުންގެ ޚިދުމަތުން އާންމުކުރި ތަފާސްހިސާބުތަކުން މިވަނީ ހަމަވެފައިވާ.
މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އެކުލަވާލާފައިވާ މި ރިޕޯޓުގައިވާ ގޮތުން، މި ހަ މަސްދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ޖުމްލަ 1،355 އެކްސިޑެންޓް ވަނީ ހިނގާފައެވެ. މިއީ ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 7 އެކްސިޑެންޓަށްވުރެ ގިނަ އަދަދެކެވެ.
އެކްސިޑެންޓްތައް ހިނގާފައިވާ ސަރަހައްދާއި ވަގުތުފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެކްސިޑެންޓްތަކުގެ ބޮޑުބައި ހިނގާފައިވަނީ މާލޭގެ މަގުތަކުގައެވެ. އެގޮތުން ޖުމްލަ އެކްސިޑެންޓްތަކުގެ 83.25 އިންސައްތަ (1،128 އެކްސިޑެންޓް) މާލޭގައި ހިނގާފައިވާއިރު، ބްރިޖާއި ހައިވޭގައި ހިނގާފައިވަނީ 227 އެކްސިޑެންޓެވެ.
މި ހާދިސާތައް ގިނައިން ހިނގާފައިވަނީ ދުވާލުގެ ވަގުތުތަކުގައެވެ. ރިޕޯޓުގައިވާ ގޮތުން 901 އެކްސިޑެންޓް (66.49 އިންސައްތަ) ދުވާލު ހިނގާފައިވާއިރު، ރޭގަނޑު ހިނގާފައިވަނީ 454 އެކްސިޑެންޓެވެ. މިއީ ރޭގަނޑަށްވުރެ ދެގުނަ އިތުރު އަދަދެކެވެ.
އަހަރުގެ ފުރަތަމަ ހަ މަސްދުވަހުގެ ތެރެއިން އެންމެ ގިނަ އެކްސިޑެންޓް ރެކޯޑުކުރެވިފައި ވަނީ ޖަނަވަރީ މަހުގައެވެ. އެ މަހު 253 ހާދިސާ ހިނގިއިރު، އެންމެ މަދުން އެކްސިޑެންޓް ހިނގާފައިވަނީ 191 އެކްސިޑެންޓާއެކު ފެބްރުއަރީ މަހުގައެވެ. އޭގެ ފަހުން މާރިޗު، އެޕްރީލް އަދި މޭ މަހު އެކްސިޑެންޓްތަކުގެ އަދަދު ވަނީ 230 އިން މަތީގައި ހިފެހެއްޓިފައެވެ. ނަމަވެސް، ޖޫން މަހު މި އަދަދު 205 އަށް ތިރިވެ، އަހަރުގެ ކުރީކޮޅާ އަޅާބަލާއިރު 18.97 އިންސައްތައިގެ ދަށްވުމެއް ވަނީ ފާހަގަކުރެވިފައެވެ.
މި ހަ މަސްދުވަހުގެ ތެރޭގައި ހިނގި އެކްސިޑެންޓްތަކުގައި ޖުމްލަ 1،482 އުޅަނދަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވެއެވެ. މި ހާދިސާތަކުގައި 2 މީހެއްގެ ފުރާނަ ގެއްލިފައިވާއިރު، 31 މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެއެވެ. ބާކީ ހުރި 1،322 މައްސަލައަކީ ކުދި އަނިޔާތައް ލިބުނު ހާދިސާތަކެވެ.
އުޅަނދުތަކަށް ލިބުނު ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި އިންޝުއަރެންސް މެދުވެރިކޮށް 3.2 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ނަގައިދީފައެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 547,437 ރުފިޔާއެވެ.
މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ޓްރެފިކް ގަވާއިދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. މި ސަރުކާރުންވެސް އަންނަނީ މަގުމަތީގެ ނުރައްކާތެރި ހާދިސާތައް މަދުކުރުމަށްޓަކައި ހޭލުންތެރިކުރުވުމުގެ އެކި މަސައްކަތްތައް ކުރަމުންނެވެ.