MTCC

ރާއްޖެއާއި ތުރުކީގެ ވިޔަފާރި އެއްބަސްވުމަށް އަމަލުކުރަން ފަށައިފި

dce20c6d-1f0e-4bc0-ad49-df2e783b8011-876x584

ރާއްޖެއާއި ތުރުކީގެ ވިޔަފާރި އެއްބަސްވުމަށް އަމަލުކުރަން ފަށައިފި

SHARE

ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ގާއިމުކުރެވުނު މިނިވަން ވިޔަފާރީގެ އެއްބަސްވުން ނުވަތަ "ޕްރިފަރަންޝަލް ޓްރޭޑް އެގްރީމަންޓް" (ޕީޓީއޭ) އަށް މިއަދުން ފެށިގެން ރަސްމީކޮށް އަމަލުކުރަން ފަށައިފިއެވެ.

މިކަން ހާމަކޮށް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 04 ނޮވެމްބަރު 2024 ގައި ސޮއިކުރި މި އެއްބަސްވުމަށް އަމަލުކުރަން ފެށުމަށްޓަކައި ދެ ގައުމުން ފުރިހަމަކުރަންޖެހޭ ގާނޫނީ އިޖުރާއަތްތައް ނިންމައި، އެކަމުގެ ފައިނަލް ނޯޓިފިކޭޝަން މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.

މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން ގެންގުޅުއްވާ ހަރުދަނާ ޚާރިޖީ އަދި އިގުތިސާދީ ތަސައްވުރުގެ ދަށުން ހާސިލުކުރެވުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އިގުތިސާދީ ވަޒީރު މުޙައްމަދު ސަޢީދު ވަނީ ސިފަކުރައްވާފައެވެ.

އެއްބަސްވުމުގެ ސަބަބުން ލިބޭނެ މުހިންމު ފައިދާތައް:

75 ބާވަތަކުން ޑިއުޓީ ކަނޑާލުން: މި އެއްބަސްވުމުގެ ދަށުން ރާއްޖެއާއި ތުރުކީއާ ދެމެދު ބަދަލުކުރެވޭ މުދަލުގެ ތެރެއިން 75 ބާވަތަކުން ނަގަމުން އައި ޑިއުޓީ އުވިގެންދާނެއެވެ.

މަހުގެ އުފެއްދުންތަކަށް ބޮޑު މާކެޓެއް: ތުރުކީގެ 85 މިލިއަނަށްވުރެ ގިނަ މީހުންގެ ބޮޑު މާކެޓަށް ރާއްޖޭގެ ކަނޑުމަހުގެ އުފެއްދުންތައް ފަސޭހަކަމާއެކު އެކްސްޕޯޓް ކުރުމުގެ ދޮރު ހުޅުވިގެންދާނެއެވެ.

ޔޫރަޕަށް ދިއުމުގެ ފާލަމެއް: ތުރުކީއަކީ ޔޫރަޕުގެ މާކެޓަށް ދިވެހި އުފެއްދުންތައް ވާސިލުވުމަށް އެޅުނު މުހިންމު ފާލަމެއް ކަމަށް ސަރުކާރުން ދެކެއެވެ.

ވިޔަފާރިވެރިންނަށް ލުއިވުން: ދިވެހި ވިޔަފާރިވެރިންނަށް ތުރުކީވިލާތުން މުދާ އެތެރެކުރުމުގައި މިހާރަށްވުރެ ބޮޑެތި ލުއިތަކެއް ލިބި، ދެ ގައުމުގެ ދެމެދުގައި އޮންނަ ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.

މި އެއްބަސްވުމަށް އަމަލުކުރަން ފެށުމާއެކު، ރާއްޖޭގެ އިގުތިސާދު ސިންދަފާތުކޮށް، ދުނިޔޭގެ ބޮޑެތި މާކެޓްތަކާ ސީދާ ގުޅުން ބަދަހިކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އައު ދިރުމެއް ލިބިގެންދާނެ ކަމަށް ވަޒީރު ސަޢީދު ވިދާޅުވިއެވެ. ކުރިއަށް އޮތް ތަނުގައިވެސް ދެ ގައުމުގެ ދެމެދުގައިވާ އިގުތިސާދީ ގުޅުންތައް އިތުރަށް ހަރުދަނާކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.