ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މާލޭ ކޮމާޝަލް ހާބަރުން އަތުލައިގަނެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހާމަކޮށްފިއެވެ.
ކަސްޓަމްސްއިން މައުލޫމާތު ދޭ ގޮތުގައި މި ތަކެތި އަތުލައިގަނެފައިވަނީ މިދިޔަ ހޯމަ ދުވަހު މާލޭ ވިޔަފާރި ބަނދަރަށް އައި މުދަލެއްގެ ތެރެއިންނެވެ. ބަލައި ފާސްކުރުމުގެ ތެރޭގައި ރަބަރު ކޮތަޅެއްގައި ބަންދުކޮށްފައި ހުރި މި ތަކެތި ފެނިފައިވާއިރު، ފުރަތަމަ މަރުހަލާގައި ޓެސްޓް ކުރި އިރު އެ ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތްއެމްފެޓަމީން އަށް ޕޮޒިޓިވް ވެފައެވެ.
އަތުލައިގަނެވުނު މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 22.3 ކިލޯ ހުރި އިރު، މީގެ މަގުމަތީ އަގު ގާތްގަނޑަކަށް 4.4 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން އަންދާޒާ ކުރެއެވެ. މި މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރިކަމެއް ނުވަތަ މި ތަކެތި ގެނައީ ކޮން ގައުމަކުން ކަމެއް ކަސްޓަމްސްއިން އަދި ހާމައެއް ނުކުރެއެވެ.
މިދިޔަ ހޯމަ ދުވަހު އަތުލައިގަތް ތަކެތީގެ އިތުރުން، މިދިޔަ މަހުގެ ފަހުކޮޅުވެސް ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން ވަނީ އަތުލައިގަނެފައެވެ. އެފަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތީ 2.8 ކިލޯގެ ހަޝިޝް އޮއިލް އާއި 740 ގްރާމްގެ ކެނަބިސްއެވެ. އެ ތަކެތީގެ މަގުމަތީ އަގު 2.7 މިލިއަން ރުފިޔާއަށް އަރައެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި ސަރުކާރާއި ކަމާބެހޭ އިދާރާތަކުން ދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. މިގޮތުން ބޯޑަރު ކޮންޓްރޯލް ވަރުގަދަކޮށް، ރާއްޖެއަށް އެތެރެވާ މުދަލާއި މީހުން ބަލައި ފާސްކުރުމުގެ ނިޒާމު މިހާރު ވަނީ ކުރިއަށްވުރެ ހަރުދަނާކޮށްފައެވެ. ކަސްޓަމްސްއިން އަތުލައިގަތް މި މަސްތުވާތަކެތީގެ މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.