MTCC

ކުށްކުރުމުގެ ކުރިން އެކަން ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެއް: ހޯމްލޭންޑް މިނިސްޓްރީ

unknown3-876x584

ކުށްކުރުމުގެ ކުރިން އެކަން ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމަކީ ސަރުކާރުގެ އަމާޒެއް: ހޯމްލޭންޑް މިނިސްޓްރީ

SHARE

ކުށްކުރުމުގެ ކުރިން އެކަން ދެނެގަނެވޭނެ ފަދަ ހަރުދަނާ ނިޒާމެއް ގާއިމުކޮށް، ކުށްތައް ހުއްޓުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށް މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީން މިއަދު ހާމަކޮށްފިއެވެ.

މިއަދު ފާހަގަކުރާ، މީހުން ޓްރެފިކްކުރުމާ ދެކޮޅަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ދުވަހުގެ މުނާސަބަތުގައި އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އިންސާނީ ވަގުވިޔަފާރިއާއި އެކްސްޕްލޮއިޓޭޝަން (ނަހަމަ ގޮތުގައި ބޭނުންކުރުން) ހުއްޓުވުމަށްޓަކައި ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ނުހަނު މުހިންމު ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.

މި މަސައްކަތްތަކުގެ ތެރެއިން، "މޯލްޑިވްސް އެންޓި ހިއުމަން ޓްރެފިކިން ސްޓްރެޓެޖިކް ޕްލޭން 2026-2028″ އެކުލަވައިލައި، އެއަށް މިހާރު އަމަލުކުރަން ފަށާފައިވާކަން މިނިސްޓްރީން ފާހަގަކުރިއެވެ. މިއީ އިންސާނީ ވަގުވިޔަފާރީގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބަޔާނުގައި ސިފަކޮށްފައިވެއެވެ.

ހޯމްލޭންޑް މިނިސްޓްރީން އިތުރަށް ބުނީ، ކުށްކުރުމުގެ ކުރިން އެކަން ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމުގެ އަމާޒު ހާސިލުކުރެވޭނީ އާންމުންނާއި ބިދޭސީ މަސައްކަތްތެރިން ހޭލުންތެރިކުރުވައިގެން ކަމަށެވެ. އެގޮތުން، ބިދޭސީ މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް މިހާރު އިތުރަށް ފުޅާކުރަމުންދާ ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

މީގެ އިތުރުން، މަސައްކަތްތެރިން ރާއްޖެ އައުމުގެ ކުރިންނާއި، ރާއްޖެ އައުމަށްފަހުވެސް އެމީހުންގެ އިންސާނީ ހައްގުތަކާ ގުޅޭގޮތުން ހޭލުންތެރިކުރުވުމަކީ ސަރުކާރުން އިސްކަންދޭ ކަމެކެވެ. އަދި އެފަދަ ކަމެއް ދިމާވެއްޖެނަމަ މައްސަލަ ހުށަހަޅާނެ ގޮތްތައް ބަޔާންކޮށްދިނުމަކީ އެކްސްޕްލޮއިޓޭޝަން ނުވަތަ މަސައްކަތްތެރިންގެ ނަހަމަ ފައިދާ ނެގުން މަދުކުރުމަށް ކުރެވޭ އެންމެ މުހިންމު އެއް މަސައްކަތް ކަމަށްވެސް ހޯމްލޭންޑް މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.