MTCC

މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކާ ދެކޮޅަށް ކުރާ މަސައްކަތުން ނަތީޖާ ފެންނަން ފަށައިފި: ރައީސް

468042_38b84de6-1_

މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކާ ދެކޮޅަށް ކުރާ މަސައްކަތުން ނަތީޖާ ފެންނަން ފަށައިފި: ރައީސް

SHARE

މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ އަމާން މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ އިދާރީ އަދި ގާނޫނީ މަސައްކަތްތަކުގެ ނަތީޖާ ފެންނަން ފަށާފައިވާ ކަމަށާއި، ގޭންގު ކުށްތައް ރާއްޖޭގައި މިހާރު މަދުވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލައަކީ ފާއިތުވި ތިން އަހަރަށްވުރެ ވެސް ގިނަ ދުވަސްވީ، ގައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށެވެ. އަދި މި މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަކީ ސަރުކާރުގެ އެންމެ އިސް އަމާޒުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި ކުރީގެ ސަރުކާރުތަކުންވެސް މި މައްސަލަ ހައްލުކުރުމަށް މަސައްކަތްތަކެއް ކޮށްފައިވީ ނަމަވެސް، މި ސަރުކާރުގެ ސިޔާސަތަކީ ގާނޫނު ތަންފީޒުކުރުން ވަރުގަދަކުރުމާއެކު، ފަރުވާދިނުމާއި މީހުން އަލުން މުޖުތަމައަށް ނެރުމުގެ ނިޒާމު ހަރުދަނާކުރުމެވެ. އެގޮތުން، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމާއި އޭގެ ވިޔަފާރިކުރުން ހުއްޓުވުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"މީގެ ބޭނުމަކީ ޒުވާން ކުދިން މި ވަބާއިން ސަލާމަތްކޮށްދިނުން. އަދަބު ދިނުމެއް ނޫން. ސަރުކާރުގެ ސިޔާސަތަކީ ޒުވާން ކުދިންނަކީ، އެކުދިންގެ ބޭނުންތެރިކަން އެކުދިންގެ އަމިއްލަ ނަފްސަށާއި ގައުމަށް ކޮށްދެވޭ ވަރުގެ ބަޔަކަށް ހަދައިދިނުން ކަމަށްވާތީ އެކަން ހާސިލްކުރުމަށްޓަކައި މަސައްކަތް ކުރަމުން މިދަނީ. އޭގެ ނަތީޖާވެސް އެބަ ފެނޭ." ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވާން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށްޓަކައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ރީހެބިލިޓޭޝަން މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ބާރުދުވެލީގައި ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، ހަމައެކަނި އަދަބު ދިނުމަކުން މިކަން ހައްލުނުވާނެ ކަމަށާއި، ބޭނުންވަނީ ޒުވާނުންނަށް ބޭނުންވާ ފަރުވާދީ، އެކުދިންނަކީ މުޖުތަމައަށް ފައިދާހުރި ބަޔަކަށް ހެދުން ކަމަށެވެ.

"ވަރަށް ގިނަ މަސައްކަތްތަކެއް އެއްފަހަރާ ކުރެވެމުން މިދަނީ. މަސްތުވާތަކެތީގެ ވަބާ ނައްތާލުމުގައި ރަނގަޅު ނަތީޖާއެއް ނެރެވޭނެ. މިކަމަކީ އާންމު ރައްޔިތުންނާއި މަދަނީ ޖަމިއްޔާތަކާއި އަދި ހަމަ ދައުލަތުގެ އެހެން ހުރިހާ މުވައްސަސާތަކެއް ގުޅިގެން ޝަރުއީ ދާއިރާގެ އެއްބާރުލުންވެސް ލިބިގެން ކުރިއަށް ގެންދެވޭނެ ކަމެއް،" ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އަދުލުއިންސާފުގެ ނިޒާމު ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ސަބަބުން، ގޭންގު ކުށްތަކާއި މަސްތުވާތަކެއްޗާ ގުޅުންހުރި ކުށްތައް މަދުވެފައިވާކަން ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. އަދި މުއައްސަސާތަކުގެ މެދުގައި އޮތް ގުޅުން ބަދަހިވުމުން، ކުށްމަދު އަމާން މުޖުތަމައެއް ގާއިމުވެ، ޒުވާނުންނަށް އުޖާލާ މުސްތަގުބަލެއް ބިނާކުރުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.