މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި (މީސްލްސް) ޖެހުނު މީހުންގެ ޖުމްލަ އަދަދު 186 އަށް އަރައިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.
މިއީ ދެކުނުއިރުމަތީ އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން އާބާދީގެ ނިސްބަތަށް ބަލާއިރު މި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ގައުމަކަށް ރާއްޖެ ވެފައިވާ ދަނޑިވަޅެއްގައެވެ.
އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ވޭތުވެދިޔަ ހަފުތާގެ ތެރޭގައި އެކަނިވެސް މާލެ ސަރަހައްދުން ހިމަބިހީގެ 22 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. ބަލި ފެތުރުން ހުއްޓުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، މި އަހަރުގެ މިހާތަނަށް 12،000 އަށްވުރެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ކަމަށްވެސް އެ އިދާރާއިން ފާހަގަކުރެއެވެ.
ހިމަބިހިން ރައްކާތެރިވުމަށްޓަކައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ މީހުން ވީހާވެސް އަވަހަކަށް ވެކްސިން ޖެހުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައެވެ. ބަލި ޖެހިފައިވާ މީހަކާ ދިމާވެފައިވާ ނަމަ، ހުޅުމާލެ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ކަނޑައަޅާފައިވާ ވަގުތުތަކުގައި ވެކްސިން ޖެހޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި، އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުންވެސް ވެކްސިން ދިނުމުގެ ޚިދުމަތް ދަނީ ފޯރުކޮށްދެމުންނެވެ.
މި ބަލީގެ ނުރައްކާ ބޮޑުވެފައިވާއިރު، މި މަހުގެ 13 ވަނަ ދުވަހު ހިމަބިހި ޖެހިގެން ފަރުވާ ދެމުންދިޔަ ދިވެހި ޒުވާނަކު ވަނީ ނިޔާވެފައެވެ. 'މީސްލްސް ވައިރަސް' އިން ޖެހޭ މި ބައްޔަކީ ކެއްސާ ކިނބިހިއެޅުމުގެ ތެރޭގައި ޖަރާސީމު ބޭރުވެގެންނާއި، ޖަރާސީމު ހުރި ތަނެއްގައި އަތްލުމަށްފަހު ސާފުނުކޮށް ލޯ ނުވަތަ އަނގަޔަށް އަތްލުމުން ފެތުރޭ ބައްޔެކެވެ. މި ބަލި ޖެހުމުން:
- ގަދަޔަށް ހުން އައުން
- ކެއްސުމާއި، ކަރުތެރެ ފާރުވުން
- ނޭފަތުން ފެންއައުމާއި ކިނބިހިއެޅުން
- ގައިގައި ރިއްސުމާއި ވަރުބަލިވުން
- ނިއްކުރި މަތިން ފެށިގެން ހަށިގަނޑުގައި ރަތް ބިހިތަކެއް ނެގުން ފަދަ އަލާމާތް ފެންނާނެއެވެ.
ސިއްހީ މާހިރުން އިރުޝާދު ދެއްވާ ގޮތުގައި، ހުން އައުމާއެކު ހަށިގަނޑުން ރަތް ބިހިތަކެއް ފެންނަން ފަށައިފި ނަމަ، އެއްވެސް ލަސްކުރުމެއް ނެތި ސިއްހީ ފަރުވާ ހޯދުމަކީ ބަލީގެ ނުރައްކާ ކުޑަކުރުމަށް ކުރެވޭނެ އެންމެ މުހިއްމު ކަމެވެ.