MTCC

ސައުދީގެ ތެލުގެ ވަސީލަތްތަކަށް ދިން ޑްރޯން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

large_178525804822QHfZ

ސައުދީގެ ތެލުގެ ވަސީލަތްތަކަށް ދިން ޑްރޯން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފި

SHARE

ސައުދީ އަރަބިއްޔާގެ އިރުމަތީ ޕްރޮވިންސާއި، ވެރިރަށް ރިޔާދުގެ އިތުރުން އެ ގައުމުގެ ތެލުގެ ވަސީލަތްތަކަށް އަމާޒުކޮށް އިއްޔެ ދިން ނުރައްކާތެރި ޑްރޯން ހަމަލާތައް ދިވެހި ސަރުކާރުން މިއަދު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ސައުދީގެ ޑިފެންސް މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި، އެ ގައުމުގެ އަމަންއަމާންކަމާއި އިގްތިސާދީ މައިބަދަ ކަމަށްވާ ތެލުގެ ވަސީލަތްތަކަށް ދޭން އުޅުނު މި ހަމަލާތައް ވަނީ ދިފާއީ ބާރުތަކުން ކާމިޔާބުކަމާއެކު ހުއްޓުވާފައެވެ. ސައުދީން ބުނާ ގޮތުގައި މި ހަމަލާތަކަކީ އިރާގުގައި ތިބެގެން، އީރާނުގެ މަދަދުލިބޭ ހަނގުރާމަވެރި ޖަމާއަތަކުން ފޮނުވާލި ހަމަލާތަކެކެވެ.

މި ހަމަލާއާ ގުޅިގެން ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއް ކަމަށެވެ. އަދި މިފަދަ ފިނޑި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

ދިވެހި ސަރުކާރުން ވަނީ މި ދަނޑިވަޅުގައި ރާއްޖެ އަބަދުވެސް އޮންނާނީ ސައުދީ އަރަބިއްޔާއާ އެކުކަމުގެ ޔަގީންކަން އަރުވާފައެވެ. އަދި ސައުދީގެ ސަލާމަތާއި، ރައްކާތެރިކަމާއި، އިސްތިގުލާލު ދެމެހެއްޓުމަށްޓަކައި އެ ގައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށްވެސް ސަރުކާރުން ހާމަކުރިއެވެ.

މި ހަމަލާތައް ސައުދީއަށް އަމާޒުވެފައި މިވަނީ، އެމެރިކާއާއި އީރާނާ ދެމެދު ބަދަލުކުރަމުންދިޔަ ވަރުގަދަ ހަމަލާތައް މެދުކަނޑާލާފައި އޮންނަތާ ދެ ހަފުތާ ފަހުންނެވެ. އެމެރިކާއިން ހަމަލާތައް ހުއްޓާލުމާ ގުޅިގެން، އީރާނުންވެސް ވަނީ އެމެރިކާއަށް ވާގިވެރިވާ ގައުމުތަކަށް ހަމަލާދިނުން ހުއްޓާލާފައިވާ ކަމަށް ކުރިން ބުނެފައެވެ. ނަމަވެސް އިއްޔެގެ މި ހަމަލާއާއެކު ސަރަހައްދީ މަސްލަހަތު ވަނީ އަނެއްކާވެސް ނުތަނަވަސްވެފައެވެ.