MTCC

އޮސްޓްރޭލިއާ އިން ހަދިޔާކުރެއްވި އަސްކަރީ މަނަވަރު "ޢިމާދުއްދީން" ކޮމިޝަންކޮށްފި

HOQNxzHa8AA89hD

އޮސްޓްރޭލިއާ އިން ހަދިޔާކުރެއްވި އަސްކަރީ މަނަވަރު "ޢިމާދުއްދީން" ކޮމިޝަންކޮށްފި

SHARE

ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި، އޮސްޓްރޭލިއާ ސަރުކާރުން ހަދިޔާކުރި އަސްކަރީ މަނަވަރު "ޢިމާދުއްދީން" ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ރަސްމީކޮށް ކޮމިޝަންކޮށްދެއްވައިފިއެވެ.

ރޭ ހުޅުމާލެ އިންޓަރނޭޝަނަލް ޓަރމިނަލްގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި މަނަވަރު ކޮމިޝަންކޮށްދެއްވައި، މަނަވަރުގެ ނަން ރައީސުލްޖުމްހޫރިއްޔާ ވަނީ ކަޝްފުކޮށްދެއްވާފައެވެ. މި ރަސްމިއްޔާތަށް އެމަނިކުފާނު ވަޑައިގަތުމުން މަރުހަބާ ދެންނެވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާޒްއެވެ.

މި ރަސްމިއްޔާތުގެ ތެރެއިން ރައީސް ވަނީ މަނަވަރު ހަދިޔާކުރެއްވިކަމުގެ ރަމްޒު ހަވާލުކޮށްދެއްވައި، އޮސްޓްރޭލިއާ ސަރުކާރަށް ރާއްޖޭގެ ފަރާތުން އަރުވާ ޝުކުރުގެ ލިޔުން ހަވާލުކޮށްދެއްވާފައެވެ. މަނަވަރުގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވުމުގެ ގޮތުން، ކޮމިޝަންކުރެއްވިކަމުގެ ލިޔުމާއި ދިވެހި ޤައުމީ ދިދަ، މަނަވަރުގެ ކޮމާންޑިންގ އޮފިސަރ ލެފްޓިނެންޓް ކާނަލް ސިނާން ޒާހިރުއާ ރައީސް ހަވާލުކޮށްދެއްވިއެވެ.

"ޢިމާދުއްދީން" އަކީ އޮސްޓްރޭލިއާގެ ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި، އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މުޅިން އައު އުޅަނދެކެވެ. މިއީ ރައީސް ޑރ. މުއިއްޒު، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން، އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭ އެހީގައި ހޯއްދަވައިދެއްވި މަނަވަރެކެވެ. މި އުޅަނދު ޚިދުމަތަށް ނެރުމުގެ ކުރިން، ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އެ އުޅަނދު އޮޕަރޭޓްކުރުމުގެ ޚާއްސަ ތަމްރީނުތަކެއް އޮސްޓްރޭލިއާގައި ފުރިހަމަކޮށްފައެވެ.

ކޮމިޝަންކުރުމުގެ ރަސްމިއްޔާތަށްފަހު، ރައީސުލްޖުމްހޫރިއްޔާ އާއި އޮސްޓްރޭލިއާ ސަރުކާރުގެ އިސް މަންދޫބުން ވަނީ މަނަވަރަށް އަރާވަޑައިގެން، އުޅަނދުގެ ވަސީލަތްތައް ބައްލަވާލައްވާފައެވެ.

މި އުޅަނދު ރާއްޖެއަށް އައުމުގެ ކުރިން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިއާގައި މި އުޅަނދު އޮޕަރޭޓްކުރާނެ ގޮތުގެ ޚާއްޞަ ތަމްރީނުތަކާއި ފެމިލިއަރައިޒޭޝަން ޓްރަޔަލްސްތައް ފުރިހަމަކޮށްފައެވެ.

މި މަނަވަރުގެ ސަބަބުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބެލެހެއްޓުމާއި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ކޯސްޓްގާޑުގެ ޤާބިލުކަން ބޮޑުތަނުން އިތުރުވެގެންދާނެއެވެ. ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކުރުމަކީ ރައީސުލްޖުމްހޫރިއްޔާގެ މުހިންމު ވައުދުފުޅެކެވެ.