މާލޭގެ ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ މަސައްކަތްތައް މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މި މަޝްރޫޢުގެ ދަށުން ދެން އެންމެ އަވަހަށް އަމަލީ މަސައްކަތް ފެށިގެންދާނީ އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އޮތް ސަރަހައްދުގައި ކަމަށެވެ. މި ސަރަހައްދު ތަރައްޤީކުރުމުގެ މަސައްކަތްތައް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުންދާކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިންވެސް ވަނީ ހާމަކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ ނޮވެމްބަރު މަހުގެ ތެރޭގައި މުޅި މަޝްރޫޢު ނިންމައި އާންމުންނަށް މަގު ހުޅުވާލުމެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫއުގެ ތެރެއިން މިހާތަނަށް ވަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް އޮތް ސަރަހައްދު ނިންމާފައެވެ. މި ސަރަހައްދު ތަރައްޤީކޮށްފައިވަނީ ފަޅުތެރެއިން ބައެއް ހިއްކައިގެން މަގު ފުޅާކުރުމަށްފަހުގައެވެ. އެގޮތުން ނިންމާފައިވާ 1.145 ކިލޯމީޓަރުގެ ސަރަހައްދުގައި ވަނީ 4 ލޭނަށް ދަތުރުކުރެވޭ ގޮތަށް ތާރުއަޅާފައެވެ. އަދި މަގު ހިނގާ މީހުންނަށް ފަސޭހަވާނެހެން ދުވާރު ހަދައި، ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް ފެންހިންދާ ނިޒާމެއްވެސް ވަނީ ޤާއިމުކޮށްފައެވެ.
މީގެ އިތުރުން، މި ސަރަހައްދުގައި ދިމާވެފައިވާ ޕާކިންގް މައްސަލައަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން 500 ސައިކަލުގެ ޖާގައިގެ ޕާކިންގް ޒޯނެއްވެސް މި މަޝްރޫޢުގެ ތެރެއިން ވަނީ ތަރައްޤީކޮށްފައެވެ.
މި މަޝްރޫޢަކީ މާލޭގެ ތޮއްޖެހުން ކުޑަކޮށް، ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.