MTCC

ދައުލަތަށް ޚިދުމަތްކުރެއްވި 66 ބޭފުޅަކަށް ރައީސް ޝަރަފުގެ ބެޖާއި އައްޑަނަ އަރުވައިފި

466670_377f11d3-a_

ދައުލަތަށް ޚިދުމަތްކުރެއްވި 66 ބޭފުޅަކަށް ރައީސް ޝަރަފުގެ ބެޖާއި އައްޑަނަ އަރުވައިފި

SHARE

ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް އިޚްލާސްތެރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ 66 ބޭފުޅެއްގެ އަގުވަޒަންކޮށް، އެ ބޭފުޅުންނަށް ޝަރަފުގެ ބެޖާއި އައްޑަނަ މިއަދު އަރުވައިފިއެވެ.

މި ބޭފުޅުންނަށް އިނާމު އެރުވީ ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުނު، 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމީ ޖަލްސާގައެވެ. މި ޝަރަފުވެރި ބޭފުޅުންނަށް ބެޖާއި، އައްޑަނަ އަދި ހަނދާނީލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. މިއަދު އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންނަކީ ދައުލަތުގެ އެކި މުއައްސަސާތަކުގައި މެދުނުކެނޑި 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނެވެ.

ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ރާއްޖޭގެ ތަރައްޤީއަށާއި ދައުލަތުގެ ކުރިއެރުމަށް އެކި ދާއިރާތަކުން އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންގެ މަސައްކަތް ޤައުމީ ފެންވަރެއްގައި ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ އިނާމެކެވެ. މީގެ ކުރިން މިފަދަ ޝަރަފެއް ލިބިވަޑައިގެންފައިނުވާ ބޭފުޅުންގެ ރެކޯޑުތައް ހޯއްދަވައި، އެ ބޭފުޅުންގެ އަގުވަޒަންކުރުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއެވެ.

މި އިނާމަށް ބޭފުޅުން ހޮވުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. އެ ކޮމިޓީން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯއްދެވި ޚިދުމަތުގެ ރެކޯޑުތައް ވަރަށް ބޮޑަށް ދިރާސާކުރައްވައި، އިނާމަށް ޝަރުޠު ހަމަވާ ބޭފުޅުންނާ ބައްދަލުކުރައްވައި މަޢުލޫމާތު ސާފުކުރައްވާފައެވެ. މިއަދު އިނާމު ލިބިވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ތަޢުލީމީ، ޞިއްޙީ، އަދި އިދާރީ ދާއިރާ ފަދަ މުހިންމު ދާއިރާތަކުގައި ޚިދުމަތް ކުރެއްވި ބޭފުޅުން ހިމެނެއެވެ.

މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސްގެ އަރިހުގައި، ނައިބު ރައީސް ޙުސައިން މުހައްމަދު ލަޠީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲގެ އިތުރުން ސަރުކާރުގެ ވަޒީރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.