ރާއްޖޭގެ މިނިވަންކަމަށް 60 އަހަރު ފުރި، 61 ވަނަ މިނިވަން ދުވަހުގެ އުފާވެރި މުނާސަބަތު ފާހަގަކުރަމުންދާއިރު، މިނިވަންކަމުގެ މަތިވެރި ނިއުމަތް ދެމެހެއްޓުމަށްޓަކައި ކާބަފައިން ކުރެއްވި މަތިވެރި ޤުރުބާނީތަކުގެ ހަގީގަތް އަންނަން އޮތް ޖީލުތަކަށް އުނގަންނައިދިނުމަކީ އެންމެ އިސް ވާޖިބުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހުގެ މުނާސަބަތުގައި އެކަމަނާ ކުރެއްވި ޓްވީޓެއްގައި ވަނީ، ހިތްތަކުގައި ޤައުމީ ލޯބީގެ ފަޚުރާއި ޝަރަފު އުތުރި އަރަމުންދާ މި އުފާވެރި މުނާސަބަތުގައި ރާއްޖޭގެ އެންމެހާ އަޚުންނާއި އުޚުތުންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮ އެދުންތައް އަރިސްކުރައްވާފައެވެ.
މެޑަމް ސާޖިދާގެ މެސެޖުގައި ބަޔާންކުރައްވާފައި ވަނީ، މިއަދު ދިވެހިން މިދެކޭ މިނިވަންކަމަކީ މާޒީގައި ކާބަފައިން ކުރެއްވި މަތިވެރި މަސައްކަތްޕުޅުތަކާއި ވީ ގުރުބާނީގެ ނަތީޖާ ކަމަށެވެ. އެހެންކަމުން، އެ ޤުރުބާނީގެ ހަގީގީ މާނަ ދަރިންގެ ހިތްތަކަށް ވާސިލްކޮށްދިނުމަށް އެކަމަނާ ބާރުއެޅުއްވިއެވެ.
މީގެ އިތުރުން، މިނިވަންކަން ދެމެހެއްޓުމަށް ދިމާވާ ކޮންމެ ހުރަހެއް ފަހަނަޅައި ދިއުމުގެ ހިތްވަރާއި ޖޯޝުހުރި ޤައުމީ ލޯތްބެއް ޒުވާނުންގެ ހިތްތަކުގައި އަށަގެންނެވުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ޤައުމުގެ މުސްތަޤުބަލަށްޓަކައި އިލްމާއި އަޚްލާޤުން ތަރުބިއްޔަތުވެފައިވާ ޖީލެއް ބިނާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ މިނިވަން ދުވަސް ކުލަގަދަކޮށް ފާހަގަކުރަމުންދާއިރު، ސަރުކާރުގެ އިސްވެރިންނާއި މުއައްސަސާތަކުން ދަނީ ޤައުމީ އެއްބައިވަންތަކަމާއި މިނިވަންކަން ރައްކާތެރިކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވަމުންނެވެ.