މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކުރުމަށްފަހު، އެ ސަރަހައްދު މިއަދު ހަވީރު އާންމުންނަށް ހުޅުވާލައިފައިވާއިރު، މި މަސައްކަތުގައި އަމަލީގޮތުން ބައިވެރިވި އެމްޓީސީސީގެ މުވައްޒަފުންގެ އަގު ވަޒަންކޮށްފިއެވެ.
ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އެމްއެމްއޭއާ ހަމައަށް ތަރައްޤީކުރި މި ސަރަހައްދު އާންމުންނަށް ހުޅުވާލުމަށް ބޭއްވި ކުރު ހަފުލާ ޝަރަފުވެރިކޮށްދެއްވީ އެމްޓީސީސީގެ މެނޭޖިންގ ޑައިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙްމަދު ސަޢުދީއެވެ. މި ހަފުލާގައި ކުންފުނީގެ އިސްވެރިންނާއި މަސައްކަތުގައި އުޅުނު ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
މި ހަފުލާގައި ވާހަކަދައްކަވަމުން އެމްޑީ ސައުދީ ވަނީ، ބުރަ މަސައްކަތްތަކެއް ކޮށް، ކަނޑައެޅުނު މުއްދަތަށް މަސައްކަތް ނިންމާލި ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި މަޝްރޫޢަކީ އެމްޓީސީސީގެ މަސައްކަތުގެ ފެންވަރު ނުވަތަ ކޮލިޓީ ބަލާ މިންގަނޑެއްގެ ގޮތުގައި ބަލައި، ކުރިއަށް ހުރި މަޝްރޫޢުތައްވެސް މި ދުވެލީގައި ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރެއްވިއެވެ. މީގެ އިތުރުން މުވައްޒަފުންގެ ލާބައާއި މަންފާއަށް ރާވާފައިވާ ބައެއް މުހިންމު ކަންކަންވެސް އެމްޑީ ވަނީ މި ހަފުލާގައި ހިއްސާކުރައްވާފައެވެ.
ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގެ ދަށުން ބޮޑެތި މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އެގޮތުން ޖުމްލަ 10,700 އަށްވުރެ ގިނަ އަކަ މީޓަރުގެ ސަރަހައްދެއް ހިއްކައި، އެއްގަމުތޮށި ޖަހައި، 18,000 އަށްވުރެ ގިނަ އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ވަނީ ތާރުއަޅައިގެން ތަރައްޤީކޮށްފައެވެ. މި މަޝްރޫޢުގެ ތެރެއިން ފެން ހިންދާ ނިޒާމާއި، ނަރުދަމާ އައު ކަނެކްޝަންތަކާއި، މަގު ބައްތި އަދި 500 ސައިކަލަށް ޕާކުކުރެވޭނެ ޖާގަވެސް ވަނީ ހަދާފައެވެ. ފުރަތަމަ ފިޔަވައްސަށް 159.88 މިލިއަން ރުފިޔާ އަދި ދެވަނަ ފިޔަވައްސަށް 60.42 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
ދިވެހިރާއްޖޭގެ މިނިވަން ދުވަހާ ދިމާކޮށް މި މަގު ހުޅުވާލުމާއެކު، ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އައު މަގުގެ ބޭނުންކުރަން ފަށާފައެވެ. މަގުގެ އެއްގަމުތޮށި ކައިރި ޒީނަތްތެރިކޮށްފައިވަނީ ދިވެހި ރުއްތަކާއި، ހޭޅިފަށުގައި ހެދޭ ގަސްތަކުންނެވެ. މަގު ބޭނުންކުރި އާންމުން ވަނީ މާލޭގެ ތޮއްޖެހުމަށް މި ލިބުނު ބޮޑު ހައްލާމެދު ހިތްހަމަޖެހުން ފާޅުކޮށްފައެވެ.
އެމްޓީސީސީން ބުނިގޮތުގައި މަގު ހުޅުވާލި ނަމަވެސް، ޕަމްޕް ސްޓޭޝަންގެ މަސައްކަތާއި ރެއިލިން ހަރުކުރުން ފަދަ ކުދިކުދި މަސައްކަތްތައް އަދިވެސް ކުރިއަށްދާނެއެވެ. އަދި ކުރިއަށް އޮތް އެއް އަހަރުގެ ރިޓެންޝަން މުއްދަތުގައި މަގާއި ގަސްތައް ބެލެހެއްޓުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުންދާނެއެވެ. އެމްޑީ ސަޢުދީ ވިދާޅުވީ މި މަޝްރޫޢު މުޅިން ނިމޭނީ ނޯތު ހާބަރުން ފެށިގެން ވެސްޓްޕާކާ ހަމައަށް އޮތް ތިންވަނަ ފިޔަވަހި ނިމުމުން ކަމަށާއި، އެ މަސައްކަތްވެސް ބާރުދުވެލީގައި ކުރިއަށްދާނެ ކަމަށެވެ.