ރާއްޖޭގެ 61 ވަނަ މިނިވަންދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ އިހްތިފާލުތަކުގެ ޝަރަފުވެރި މެހެމާނުގެ ހައިސިއްޔަތުން ރާއްޖެ ވަޑައިގެން އުޅުއްވާ، ސައުދީ އަރަބިއްޔާގެ ވަޒީރުންގެ މަޖިލީހުގެ މެންބަރު، ޕްރިންސް ޑރ. މަންސޫރު ބިން މުތްއިބު ބިން އަބްދުލްއަޒީޒް އާލް ސައުދު، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމަކީ، ސައުދީ ޢަރަބިއްޔާގެ ވަލީއަހުދު އަދި ބޮޑުވަޒީރު، ޕްރިންސް މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައޫދުގެ ފަރާތްޕުޅުން، ރައީސް މުޢިއްޒު ދެއްވި ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ޕްރިންސް ޑރ. މަންސޫރު މާލެ ވަޑައިގަތުމުން، ސަރުކާރުގެ ފަރާތުން އެމަނިކުފާނަށް ވަނީ ރަސްމީ ޢިއްޒަތުގައި ހޫނު މަރުޙަބާއެއް ދަންނަވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސަޢޫދީގެ އިސްވެރިން ރާއްޖޭގެ މިނިވަންދުވަހުގެ އުފަލުގައި ބައިވެރިވެވަޑައިގަތުމަށް ދެއްވި ދައުވަތު ގަބޫލުފުޅުކުރެއްވިކަމަށްޓަކައި އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. ހާއްސަކޮށް، ދިވެހި ހައްޖުވެރިންނަށް ލުއިފަސޭހަކޮށްދިނުމަށް "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން ސައުދީ ސަރުކާރުން ފޯރުކޮށްދޭ އެހީތެރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ޕްރިންސް ޑރ. މަންސޫރުގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްގީއާއި ދިވެހި ރައްޔިތުންގެ ފާގަތިކަމަށް ސައުދީ އަރަބިއްޔާގެ އިސްވެރިން އަބަދުވެސް ހާއްސަ އަހަންމިއްޔަތުކަމެއް ދެއްވާކަން ހާމަކުރެއްވިއެވެ.
ދެ ބޭފުޅުންގެ މެދުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ، އިސްލާމީ އެއްބައިވަންތަކަމާއި ދެގައުމުގެ މެދުގައި އޮތް ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން އިގްތިސާދީ ދާއިރާއާއި، ވިޔަފާރި އަދި އިންވެސްޓްމަންޓްގެ ފުރުސަތުތައް ފަދަ ދެ ގައުމަށް ފައިދާހުރި މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކުރެވުނެވެ.