MTCC

ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް ހުޅުވާލައިފި

HN6JtLrbcAAsgKR

ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް ހުޅުވާލައިފި

SHARE

މާލޭގެ ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްގީކުރި ބައި މިއަދު ހަވީރު ރަސްމީކޮށް އާންމުންނަށް ހުޅުވާލައިފިއެވެ.

މި މަޝްރޫޢުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އެމްއެމްއޭ (އިއްޒުއްދީން ފާލަން) އާ ހަމައަށް އޮތް 700 މީޓަރުގެ ސަރަހައްދު ވަނީ ހަތަރު ލޭނަށް ފުޅާކޮށް، ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައެވެ. މި މަސައްކަތުގެ މައި ކޮންޓްރެކްޓަރު އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، މި ސަރަހައްދު މިއަދު ހަވީރުން ފެށިގެން އާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެއެވެ.
މަގުގެ ބޮޑު ބައެއް ނިމި ބޭނުންކުރަން ފެށި ނަމަވެސް، އެއްގަމު ތޮށި ކައިރީގައި ހުރި ބައެއް ކުދިކުދި މަސައްކަތްތައް އަދިވެސް ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން، ތޮށިގަނޑު ކައިރީގައި ހުރި ސިޑިތަކުގައި ރެއިލިންގ ހަރުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، އާންމުންގެ ސަލާމަތަށްޓަކައި އެ ސިޑިތައް ހުރި ސަރަހައްދުތަކުގައި ރަތްކުލައިގެ ދަވާދުލާފައިވާ ކާބް ސްޓޯންތައް ބަހައްޓައި ފާހަގަކޮށްފައި ހުންނާނެއެވެ.

މި މަޝްރޫޢުގައި އެންމެ ހާއްސަ ސަމާލުކަމެއް ދީފައި ވަނީ މަގުގެ ފެހިކަން އިތުރުކުރުމަށެވެ. އެގޮތުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މާލެ ނޯތު ހާބަރާ ހަމައަށް 3,100 އަށްވުރެ ގިނަ ގަސް މިހާތަނަށް ވަނީ އިންދާފައެވެ. ވަކިން ހާއްސަކޮށް، ރައީސް އޮފީސް ކުރިމަތިން ފެށިގެން އެއްގަމު ތޮށި ކައިރީގައި އިންދާފައިވާ ދިވެހި ރުށްތަކަކީ މި ސަރަހައްދަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ، އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމެކެވެ. މީގެ އިތުރުން ހޭޅިފަށުގެ ގަސްތަކާއި ތަފާތު ބަގީޗާ ގަސްތަކުން މުޅި ސަރަހައްދު ވަނީ ޒީނަތްތެރިކޮށްފައެވެ.

ފަޅުން ބައެއް ހިއްކައިގެން ތިން މަސްދުވަހުގެ ތެރޭގައި ތާރުއަޅައިގެން ނިންމި މި މަޝްރޫޢަކީ މާލޭގެ ތޮއްޖެހުން ކުޑަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މަގުގެ މި ސަރަހައްދުގައި އުޅަނދުތައް ޕާކްކުރުން މަނާކޮށްފައިވީ ނަމަވެސް، ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި 500 ސައިކަލުގެ ޖާގައިގެ ބޮޑު ޕާކިންގ ޒޯނެއް މިހާރު ވަނީ ގާއިމުކޮށްފައެވެ.