އައްޑޫ ސިޓީގައި ފަތުރުވެރިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށްޓަކައި، އެ ސިޓީގެ އިދާރީ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބައެއް ސަރަހައްދުތަކަށް ބަދަލު ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
މި ބަދަލު ގެނައުމުގެ މައިގަނޑު ބޭނުމަކީ އައްޑޫ ސިޓީގެ އިދާރީ ދާއިރާގައި ހިމެނޭ ބައެއް ސަރަހައްދުތައް ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއް ސަރަހައްދަކީ އައްޑޫގެ ގުޅިފައިވާ ރަށްތަކުގެ ތެރެއިން ފޭދުއާއި މަރަދޫފޭދޫއާ ދެމެދު އޮންނަ "ސަވާހެލި" ސަރަހައްދެވެ.
ރައީސް އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މި އިސްލާހާ ގުޅޭ ރަސްމީ ގަރާރު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. މި ގަރާރާއެކު، އައްޑޫ ސިޓީގެ އިހުތިސާސަށް ގެނެވުނު ބަދަލުތައް ސާފުކޮށްދޭ ޗާޓުވެސް ވަނީ އާންމުކޮށްފައެވެ.
އައްޑޫ ސިޓީގެ ޗާޓުގައި މިހާރު ސަވާހެލި އާއި ހިތަދޫ ސަރަހައްދުގައި އޮންނަ ބޮލިހެރަ ވެސް ވަނީ ރިސޯޓެއްގެ ގޮތުގައި ފާހަގަކޮށްފައެވެ.
މި ނިންމެވުމުގެ ސަބަބުން އައްޑޫ ސިޓީގެ ފަތުރުވެރިކަމުގެ ސިނާއަތަށް އާ ދިރުމެއް ލިބި، އިގްތިސާދީ ގޮތުން އެ ސިޓީއަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ދެކެއެވެ.