MTCC

ބޮޑުތަކުރުފާނުމަގު ހެދުން: ޕާކިންގ ޒޯނާއި ދުވާރުގެ މަސައްކަތް ނިންމާލައިފި

WhatsApp Image 2026-07-15 at 15.05.19

ބޮޑުތަކުރުފާނުމަގު ހެދުން: ޕާކިންގ ޒޯނާއި ދުވާރުގެ މަސައްކަތް ނިންމާލައިފި

SHARE

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ސަރުކާރުން ހިންގާ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ ބޮޑު ބައެއް ނިމި، ޕާކިންގ ޒޯންތަކާއި ދުވާރުގެ މަސައްކަތް ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

މި މަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ރަސްމީ ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ 700 މީޓަރުގެ ސަރަޙައްދު ތަރައްޤީކުރުމުގެ މަސައްކަތެވެ. އެމްޓީސީސީން މަޢުލޫމާތު ދޭ ގޮތުގައި، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ތާރުއަޅައި ނިމިފައިވާ ސަރަޙައްދުގައި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް މިހާރު ވަނީ ސައްތައަކުން ސައްތަ ނިންމާލެވިފައެވެ.

މީގެ އިތުރުން، މަޝްރޫޢުގެ ދެވަނަ އަދި ތިންވަނަ ސެގްމަންޓުގައި ހިމެނޭ ދުވާރުތަކާއި ޕާކިންގ ޒޯންތައް ހެދުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. މި ވަގުތު ކުރިއަށްދަނީ ޕާކިންގ ޒޯންތަކުގައި ނިޝާންތައް ޖެހުމާއި މަގުބައްތި ހަރުކުރުމުގެ ފިނިޝިންގ މަސައްކަތްތަކެވެ. އެމްޓީސީސީން އަމާޒު ހިފާފައިވަނީ މި މަސައްކަތްތައް މި ހަފްތާގެ ތެރޭގައި ނިންމައި، މުޅި މަޝްރޫޢު މި މަހުގެ 26 ވަނަ ދުވަހަށް އެއްކޮށް ނިންމާލުމަށެވެ.

މި މަޝްރޫޢަކީ މާލޭގެ އުތުރު ފަރާތުގެ ޓްރެފިކް ތޮއްޖެހުން ކުޑަކޮށް، ހިނގާބިނގާވެ އުޅޭ މީހުންނަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް ލުއިފަސޭހަ ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

ރައީސުލްޖުމްހޫރިއްޔާ މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، މިހާރު ކުރިއަށްދާ ފިޔަވަހީގެ މަސައްކަތް ނިމުމުން، ދެން އޮންނަ މަރުހަލާގައި އެމްޕީއެލް ސަރަހައްދުން ފެށިގެން ރަސްފަންނާ ހަމައަށް އޮންނަ މަގުގެ ބައި ތަރައްޤީކުރުމުގެ މަސައްކަތް ފެށިގެންދާނެއެވެ.