MTCC

އެއަރ ކާގޯ ޗައިނާ 2026 މައުރަޒުގައި އެމްއޭސީއެލް އިން ބައިވެރިވެއްޖެ

3ab34fee-82ac-4415-ac15-b779212cee24-876x493

އެއަރ ކާގޯ ޗައިނާ 2026 މައުރަޒުގައި އެމްއޭސީއެލް އިން ބައިވެރިވެއްޖެ

SHARE

ޗައިނާގެ ޝަންހާއީގައި މިހާރު ކުރިއަށްދާ "އެއަރ ކާގޯ ޗައިނާ 2026″ މައުރަޒުގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބައިވެރިވެ، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) އަކީ އިންޑިއާ ކަނޑުގެ މުހިންމު ޓްރާންސްޝިޕްމަންޓް މަރުކަޒަކަށް ވުމަށް ހުރި ފުރުސަތުތައް ދުނިޔެއަށް ދައްކާލައިފިއެވެ.

މި މައުރަޒުގެ ތެރެއިން އެމްއޭސީއެލް އިން ވަނީ ދުނިޔޭގެ އެކި އެއަރލައިންތަކާއި، މުދާ އުފުލާ ކުންފުނިތަކުގެ އިތުރުން ލޮޖިސްޓިކްސް ދާއިރާގެ އިސް ފަރާތްތަކާ ބައްދަލުކޮށް، ވީއައިއޭއާއި އޭޝިއާގެ މާކެޓްތަކާ އޮތް ގުޅުން ވަރުގަދަކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. މި ބައްދަލުވުންތަކުގެ މައިގަނޑު މަގުސަދަކީ ރާއްޖެއަށް އަންނަ ފްރައިޓަރ ފްލައިޓްތައް އިތުރުކުރުމާއި، ޔޫރަޕް، އުތުރު އެމެރިކާ އަދި ސީ.އައި.އެސް ސަރަހައްދަށް އޮންނަ ވައިގެ އުދުހުންތަކުގެ ވިއުގަ ފުޅާކުރުމެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކާގޯ ޚިދުމަތްތަކަށް ބޮޑު ކުރިއެރުމެއް ލިބެމުންދާކަން ތަފާސްހިސާބުތަކުން ހާމަވެއެވެ. އެގޮތުން 2026 ވަނަ އަހަރުގެ ފުރަތަމަ ހަ މަސްދުވަހު 36,367 ޓަނުގެ ކާގޯ ހޭންޑްލްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 5 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރެއިން ޓްރާންސްޝިޕްމަންޓް ކާގޯގެ ގޮތުގައި 7,982 ޓަނު އުފުލާފައިވާއިރު، މިއީ 15 އިންސައްތައިގެ އިތުރުވުމެކެވެ.

ފާހަގަކޮށްލެވޭ އެހެން ތަފާސްހިސާބުތަކަށް ބަލާއިރު، ފްރައިޓަރ އޮޕަރޭޝަންތަކުން 174 އިންސައްތައިގެ ބޮޑު ކުރިއެރުމެއް ވަނީ ހޯދާފައެވެ. އަދި 12 ޖުލައި 2026 ގައި އެއް ދުވަހެއްގެ ތެރޭގައި 140 ޓަނުގެ ޓްރާންސްޝިޕްމަންޓް ކާގޯ ހޭންޑްލްކޮށް، އެއަރޕޯޓުގެ ތާރީޚުގައި އާ ރެކޯޑެއް ވަނީ ގާއިމުކޮށްފައެވެ.

ރާއްޖެއަށް ޓްރާންސްޝިޕްމަންޓް މުދާ އެންމެ ގިނައިން އެތެރެވާ ގައުމުތަކުގެ ތެރޭގައި ޗައިނާ ދެވަނައިގައި އޮތްއިރު، އެއްވަނައިގައި އޮތީ ސްރީލަންކާއެވެ. ރާއްޖެ މެދުވެރިކޮށް އެންމެ ގިނަ މުދާ ފޮނުވާފައިވަނީ އެމެރިކާއަށެވެ.

އެމްއޭސީއެލް އިން ތައާރަފްކޮށްފައިވާ "ސީ-ޓޫ-އެއަރ" ޚިދުމަތަކީ މި ކުރިއެރުމުގެ މުހިންމު ބައެކެވެ. 2024 ވަނަ އަހަރު މި ޚިދުމަތް ފެށި ފަހުން، 17 އެއަރލައިނަކާ ގުޅިގެން 5,000 ޓަނަށްވުރެ ގިނަ ކާގޯ ވަނީ އުފުލާފައެވެ. މީގެ ތެރޭގައި ކޮލަމްބޯ، މުމްބާއީ، ޑާކާ އަދި ޓުޓިކޮރިން ފަދަ ސަރަހައްދީ ބަނދަރުތަކުން އަންނަ މުދާ، ރާއްޖެ މެދުވެރިކޮށް ދުނިޔޭގެ އެކި މަންޒިލްތަކަށް ފޮނުވުން ހިމެނެއެވެ.

އެމްއޭސީއެލް އިން ލަފާކުރާ ގޮތުގައި މިއަހަރާއި އަންނަ އަހަރުގެ ފިނި މޫސުމާ ދިމާކޮށް އެއަރލައިންތަކުގެ ޖާގަ އިތުރުވެ، ޔޫރަޕްގެ އާ މަންޒިލްތަކަށް ދަތުރުތައް ފެށުމާއެކު، ވީއައިއޭއަކީ ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ޓްރާންސްޝިޕްމަންޓް މަރުކަޒަކަށް ވެގެންދާނެއެވެ.