MTCC

ސަބްސިޑީގެ ހޭދަ 3.13 ބިލިއަނަށް: އެންމެ ބޮޑު ޚަރަދެއް ތެލާއި ކަރަންޓުގެ އަގު ހިފެހެއްޓުމަށް

Finance-1781696477900

ސަބްސިޑީގެ ހޭދަ 3.13 ބިލިއަނަށް: އެންމެ ބޮޑު ޚަރަދެއް ތެލާއި ކަރަންޓުގެ އަގު ހިފެހެއްޓުމަށް

SHARE

ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތަކާއި މުދަލުގެ އަގުތައް ހެޔޮކޮށް ހިފެހެއްޓުމަށްޓަކައި ދައުލަތުގެ ބަޖެޓުން ކުރާ ސަބްސިޑީގެ ހޭދަ 3.13 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

މިނިސްޓްރީ އޮފް ފައިނޭންސް އިން އެންމެ ފަހުން އާންމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވަލޮޕްމަންޓްސް" ރިޕޯޓުގައިވާ ގޮތުން، މިމަހު 16 ގެ ނިޔަލަށް ސަބްސިޑީއަށް ކުރި މި ހޭދައަކީ 2025 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 86 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ސަބްސިޑީއަށް ހޭދަކޮށްފައިވަނީ 1.7 ބިލިއަން ރުފިޔާއެވެ.

މި ހޭދަ މިހާ ބޮޑަށް އިތުރުވާން ދިމާވި މައިގަނޑު ސަބަބަކީ ބައިނަލްއަގުވާމީ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ރާއްޖޭގައި ތެލާއި ކަރަންޓުގެ އަގު ބޮޑުވިޔަނުދީ ހިފެހެއްޓުމަށް ކުރި ޚަރަދު އިތުރުވުމެވެ. މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަތަކުގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ސާފުކުރި ތެލުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު:

  • ތެލުގެ ސަބްސިޑީ: 2025 ވަނަ އަހަރު 702.1 މިލިއަން ރުފިޔާ ހޭދަކުރިއިރު، މިއަހަރު މި އަދަދު ވަނީ 1.8 ބިލިއަން ރުފިޔާއަށް އުފުލިފައެވެ. މިއީ ސަބްސިޑީގެ އެންމެ ބޮޑު ހިއްސާއެވެ.
  • ކަރަންޓު ސަބްސިޑީ: ކަރަންޓުގެ އަގު ހެޔޮކޮށް ފޯރުކޮށްދިނުމަށް ކުރި ހޭދަ 341.3 މިލިއަނުން 626.7 މިލިއަން ރުފިޔާއަށް ވަނީ މަތިވެފައެވެ.
  • ކުނި މެނޭޖްކުރުން: މި ދާއިރާއަށް ކުރި ހޭދަ 33.9 މިލިއަނުން 90.6 މިލިއަން ރުފިޔާއަށް ވަނީ އިތުރުވެފައެވެ.
  • ދަތުރުފަތުރާއި ކާބޯތަކެތި: ދަތުރުފަތުރުގެ ސަބްސިޑީއަށް 201.6 މިލިއަން ރުފިޔާ އަދި ކާބޯތަކެތީގެ ސަބްސިޑީއަށް 243.9 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

މި ދާއިރާތަކުން ޚަރަދު އިތުރުވި ނަމަވެސް، މަސްވެރިކަމުގެ ސަބްސިޑީއަށް ކުރި ހޭދަ ވަނީ 207.4 މިލިއަނުން 83.1 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. އަދި ނަރުދަމާގެ ޚިދުމަތުގެ ސަބްސިޑީއަށް ކުރި 67.8 މިލިއަން ރުފިޔާގެ ހޭދައަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ.

ދައުލަތުން މިފަދަ ސަބްސިޑީތައް ދެނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޚިދުމަތް ދިނުމަށް ހިނގާ އަސްލު ޚަރަދާއި، ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭ ކޮންޓްރޯލް އަގާ ދެމެދު އޮންނަ ފަރަގު ފޫބެއްދުމަށެވެ. މީގެ ތެރޭގައި ކާޑާއި، ކަރަންޓު، ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ތެޔޮ، އަދި ކުނި މެނޭޖުކުރުން ހިމެނެއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުން މި ތަކެއްޗާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހިނގާ ޚަރަދާއި ކޮންޓްރޯލް އަގުގެ ފަރަގަށްވާ ފައިސާ ދައުލަތުގެ ބަޖެޓުން ޚަރަދުކުރެއެވެ. މީގެ ބޭނުމަކީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގަށް އަންނަ ބަދަލުތަކުގެ ސަބަބުން ރައްޔިތުންގެ އަތުންދާ ޚަރަދު ބޮޑުވިޔަނުދީ ހިފެހެއްޓުމެވެ.