ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ރައީސްކަމުގެ މަޤާމަށް، މ. ރަންދޫވިލާ، އަމްޖަދު މުސްތަފާ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަންކުރައްވައިފިއެވެ.
މި މަޤާމަށް އަމްޖަދު މުސްތަފާ ޢައްޔަންކުރެއްވުމަށްޓަކައި ބޭއްވެވި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ރަސްމިއްޔާތުގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުކަމުގެ ހުވައި އަމްޖަދު މުސްތަފާއަށް ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޙަމީދެވެ. ހުވައި ކުރެއްވުމަށްފަހު، މަޤާމުގެ އައްޔަންކުރެއްވިކަމުގެ ލިޔުން އަމްޖަދު މުސްތަފާއާ ހަވާލުކޮށްދެއްވީ ރައިސް މުޢިއްޒުއެވެ.
މި މަޣާމަށް އަމްޖަދު އައްޔަންކޮށްފައިވާއިރު، ކުރިން އެ މަގާމުގައި ހުންނެވި އިސްހާގު ހުސެއިން މިދިޔަ މެއި މަހުގެ ތެރޭގައި ވަނީ އިސްތިއުފާ ދެއްވާފައެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި ދެން ތިއްބަވަނީ ނައިބު ރައީސް ފާތިމަތު މަހީރާ މުހައްމަދާއި މެމްބަރުންގެ ގޮތުގައި މަރިޔަމް ރިޝްފާ އާއި ހިކުމާ އަހުމަދު ޒާހިރާއި ޝަހީމާ ސަލީމާއި ސައުސަން އަލީ އާއި އިޝާރާ އަބްދުލްއަޒީޒާއި ފާތިމަތު ސައުސަން އާއި ހަސަން އިބްރާހިމެވެ.
އަމްޖަދު މުސްތަފާއަކީ ތަޢުލީމީ ގޮތުން ޝަރީޢާއާއި ޤާނޫނީ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. މީގެ އިތުރުން، އޭނާ ވަނީ މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމް.ބީ.އޭ) ވެސް ފުރިހަމަކުރައްވާފައެވެ.
ޤާނޫނީ ދާއިރާއާއި ޢާންމު ހިންގުމުގެ ދާއިރާގައި ގިނަގުނަ ތަޖުރިބާތަކެއް ހާސިލްކުރައްވާފައިވާ އަމްޖަދު މުސްތަފާއަކީ މީގެ ކުރިންވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ރައީސްކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2020 ވަނަ އަހަރު އެ މަޤާމު ފުރުއްވުމުގެ އިތުރުން، އެމަނިކުފާނު ވަނީ މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑުގެ މެންބަރުކަންވެސް ކުރައްވާފައެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލަކީ ވަޒީފާއާބެހޭ މައްސަލަތައް ބެލުމަށް ވަޒީފާއާބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ. އެ ޓްރައިބިއުނަލަށް މެމްބަރުން އައްޔަންކޮށް، ވަކި ކުރާނީ ރައީސެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ މެމްބަރުކަމުގެ ދައުރަކީ ފަސް އަހަރު ދުވަހެވެ.