MTCC

"ސްޓޭޓް ފާމާ" އުފެއްދެވުމަކީ ރައީސް ނެންގެވި ހިތްވަރުގަދަ ފިޔަވަޅެއް: ޑރ. ޝާހު

big_zXemcwxgKA2oKrwrd03AUgKKK

"ސްޓޭޓް ފާމާ" އުފެއްދެވުމަކީ ރައީސް ނެންގެވި ހިތްވަރުގަދަ ފިޔަވަޅެއް: ޑރ. ޝާހު

SHARE

ރާއްޖެއަށް ކުރިމަތިވެފައިވާ ބޭހާއި ބޭސްފަރުވާއަށް ބޭނުންވާ ތަކެތީގެ ދަތިކަން ހައްލުކުރުމަށްޓަކައި، ވަކި ހާއްސަ ކުންފުންޏެއްގެ ގޮތުގައި "ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން" އުފެއްދެވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނެންގެވި ވަރަށް "ބޯލްޑް" ނުވަތަ ހިތްވަރުގަދަ ފިޔަވަޅެއް ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ބޭސް ލިބުމުގައި ރާއްޖޭގައި ހުރި ދަތިތަކާއި ގުޅޭ ވާހަކަފުޅު ދައްކަވަމުން ޑރ. ޝާހު ވިދާޅުވީ، ރާއްޖޭގެ ބޭހުގެ ނިޒާމަށް ދިމާވެފައިވާ ގޮންޖެހުންތަކަކީ މީގެ ކުރީގެ ސަރުކާރުތަކުންވެސް އިސްލާހުކުރަން ބޭނުންވި ނަމަވެސް، އެކަމަށް އަމަލީ ސިފައެއް ގެނައުމަށް ފަސްޖެހިފައި އޮތް ކަމެއް ކަމަށެވެ. ނަމަވެސް، ރައީސް ޑރ. މުއިއްޒުގެ އަމާޒަކީ ބޭސް ގަނޑުކޮށް ރާއްޖެއަށް އެތެރެކޮށް، މިހާރު ކުރިމަތިވާ ތަދުކަމަށް ދާއިމީ ހައްލެއް ގެނައުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި މަސައްކަތުގެ ދަށުން، ބޭހުގެ މައުލޫމާތާއި ސްޓޮކް ހުރި މިންވަރު ވަގުތުން ބެލޭނެ ނިޒާމެއް ގާއިމުކުރަމުންދާކަން ޑރ. ޝާހު ހާމަކުރެއްވިއެވެ. އެގޮތުން، "އެންޓަޕްރައިސް ރިސޯސް މެނޭޖްމަންޓް" ސިސްޓަމަކާއި "އީ-ލޮޖިސްޓިކްސް" ސިސްޓަމެއް ގާއިމުކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ. މި ސިސްޓަމްތަކުގެ އެހީގައި ރާއްޖެއަށް ބޭނުންވާ ބޭހުގެ މިންވަރު ކުރިއާލާ ދެނެގަނެވި، ބޭސް ހުސްވުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ.

ސްޓޭޓް ފާމަސިއުޓިކަލްސް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ގަރާރަކުން އުފެއްދެވި ކުންފުންޏެކެވެ. މީގެ ކުރިން އެސްޓީއޯގެ ދަށުން ހިންގަމުން އައި ރާއްޖޭގެ ހުރިހާ ފާމަސީތަކާއި އެ ތަންތަނުގެ މުވައްޒަފުން، މި ހިނގާ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ ރަސްމީކޮށް މި އައު ކުންފުނީގެ ދަށަށް ބަދަލުކޮށްފައެވެ.

މި އައު އިންތިޒާމާއެކު، ރާއްޖޭގެ ސިއްހީ ނިޒާމަށް ބޭނުންވާ ބޭހާއި މެޑިކަލް ސާމާނު ފޯރުކޮށްދިނުމުގައި މިހާރަށްވުރެ ހަރުދަނާ އަދި ދެމެހެއްޓެނިވި ހައްލެއް ލިބިގެންދާނެ ކަމުގެ ޔަގީންކަން ޑރ. ޝާހު މާހިރު ވަނީ ދެއްވާފައެވެ.