މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅުގެ ދަށުން، ތިލަފުށީގައި ތަރައްޤީކުރާ އައު ބަނދަރުގެ އިންޓަރނޭޝަނަލް އަދި ޑޮމެސްޓިކް ކީ-ވޯލް (މަގަތު ފާލަން) ހެދުމުގެ މަސައްކަތް ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ (ސީ.އެޗް.އީ.ސީ) އާ ހަވާލުކޮށްފިއެވެ.
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހެޑް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީ.އީ.އޯ ކެޕްޓަން މުހައްމަދު ޝަފީޤެވެ. ސީ.އެޗް.އީ.ސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ކަންޓްރީ މެނޭޖަރު މާއޯ ބާއޯއެވެ.
މި އެއްބަސްވުމުގެ ދަށުން ބައިނަލްއަޤްވާމީ މުދާ އުފުލާ ކޮންޓޭނަރ ބޯޓުފަހަރަށް ޚާއްސަ، 14.6 މީޓަރު ފުންމިނުގެ 375 މީޓަރު ދިގު ކީ-ވޯލްއެއް ތަރައްޤީކުރެވޭނެއެވެ. މީގެ އިތުރުން ރާއްޖޭގެ އެތެރޭގެ ދަތުރުފަތުރުތަކަށް ޚާއްސަކޮށްގެން 5 މީޓަރު ފުންމިނުގެ 820 މީޓަރު ދިގު ޑޮމެސްޓިކް ކީ-ވޯލްއެއް ހެދުންވެސް މި މަޝްރޫޢުގައި ހިމެނެއެވެ.
މި މަޝްރޫޢަކީ މާލޭ ބަނދަރަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިއްމު މަސައްކަތެކެވެ. ތިލަފުށީގައި ތަރައްޤީކުރާ މި ބަނދަރަކީ މާލޭ ވިޔަފާރި ބަނދަރަށްވުރެ 10 ގުނަ ބޮޑު ސަރަހައްދެކެވެ. މި މަޝްރޫޢު އެއްކޮށް ނިމޭއިރު، ތިލަފުށީގައި 1,000 މީޓަރަށްވުރެ ދިގު ބައިނަލްއަޤްވާމީ ކީ-ވޯލްއަކާއި، 2,000 މީޓަރަށްވުރެ ދިގު ޑޮމެސްޓިކް ޓަރމިނަލެއް އޮންނާނެއެވެ.
މި މަޝްރޫޢު ނިމުމުން ރާއްޖޭގެ ލޮޖިސްޓިކްސް ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމަށް އެމް.ޕީ.އެލް އިން މަޢުލޫމާތުދެއެވެ. އެގޮތުން:
- މިހާރު ބޯޓުފަހަރުން މުދާ ބޭލުމަށް ހޭދަވާ 7 ދުވަސް، 2 ދުވަހަށް ކުޑަވެގެންދާނެއެވެ.
- ބޮޑެތި ބޯޓުފަހަރުން މުދާ ބޭލުމަށް ބޭނުންކުރާ "އައުޓަރ އެންކަރޭޖް އޮޕަރޭޝަން" ހުއްޓާލެވި، މަގަތު ފާލަމުން ސީދާ މުދާ ބޭލޭނެއެވެ.
- ގެންޓްރީ ކެރޭނާއި މޯބައިލް ހާބަރ ކެރޭން ފަދަ ޒަމާނީ ވަސީލަތްތައް ބޭނުންކުރަން ފެށޭނެއެވެ.
- މުދަލުގެ ފްރައިޓް ކުޑަވެ، އާންމު ރައްޔިތުންނަށް މުދާ ލިބޭ އަގު ހެޔޮވުމަށް މަގުފަހިވާނެއެވެ.
މި މަޝްރޫޢުގެ ދަށުން ބައެއް މަސައްކަތްތައް މިހާރުވެސް އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްގެން ކުރިއަށްދާއިރު، މުޅި މަޝްރޫޢު ނިންމުމަށް ތާވަލުކޮށްފައި ވަނީ 11 ނޮވެމްބަރު 2027 އަށެވެ. ސީ.އެޗް.އީ.ސީ އަކީ ބަނދަރު ހެދުމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ޤާބިލު ކުންފުންޏެކެވެ.