MTCC

މިއަހަރު ރާއްޖެއަށް އައި ޗައިނާ ފަތުރުވެރިންގެ އަދަދު 2 ލައްކައާ ގާތަށް

HLRIonUbEAEllME

މިއަހަރު ރާއްޖެއަށް އައި ޗައިނާ ފަތުރުވެރިންގެ އަދަދު 2 ލައްކައާ ގާތަށް

SHARE

މިއަހަރުގެ މިހާތަނަށް ދިވެހިރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ގައުމުގެ މަގާމު ޗައިނާއިން ދަމަހައްޓައި، އެ ގައުމުން އައި ފަތުރުވެރިންގެ އަދަދު ދެ ލައްކައާ ގާތްވެއްޖެއެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ ޖުމލަ 1,173,922 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މީގެ ތެރެއިން ލިސްޓުގެ އެއްވަނައިގައި އޮތް ޗައިނާއިން 195,363 ފަތުރުވެރިން އައިސްފައިވެއެވެ.

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު:

  • ޗައިނާ: 195,363 ފަތުރުވެރިން
  • ރަޝިއާ: 167,317 ފަތުރުވެރިން
  • އިނގިރޭސިވިލާތް: 92,727 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު މިއަހަރު ފަތުރުވެރިން އައި އަދަދު ވަނީ 4.7 އިންސައްތަ ދަށްވެފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި 1.2 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ ޖުލައި މަހާ އަޅާބަލާއިރު މި މަހު ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުވެސް ވަނީ މަދުވެފައެވެ.

ފަތުރުވެރިން ރާއްޖެއަށް އެތެރެވި ގޮތަށް ބަލާއިރު، އެންމެ ގިނަ މީހުން ޒިޔާރަތްކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށެވެ. އެއީ 1,144,392 ފަތުރުވެރިންނެވެ. މީގެ އިތުރުން ގަން އިންޓަނޭޝަނަލް އެއާޕޯޓުން 4,355 ފަތުރުވެރިން އަދި ކަނޑުމަގުން 15,577 ފަތުރުވެރިން ރާއްޖެއަށް އެތެރެވެފައިވެއެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން ބޮޑު ބައެއް ބިނާވެފައިވަނީ ރިސޯޓު ފަތުރުވެރިކަމަށެވެ. އެގޮތުން 834,816 ފަތުރުވެރިން ރިސޯޓުތަކުގައި ޗުއްޓީ ހޭދަކޮށްފައިވާއިރު، 262,171 ފަތުރުވެރިން ވަނީ ގެސްޓްހައުސްތަކުގައި މަޑުކޮށްފައެވެ. އަދި ހޮޓާތަކުގައި 27,523 ފަތުރުވެރިން މަޑުކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމަށްފަހު ތިން އަހަރުގެ މެދުކެނޑުމަކަށްފަހު ޗައިނާ މާކެޓް އަލުން ހުޅުވި، ބާރުމިނުގައި ކުރިއަރަމުން އަންނަކަން މި ހިސާބުތަކުން ހާމަވެއެވެ. މިއީ ރާއްޖޭގެ އިގްތިސާދަށް، ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ.