މެދުފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެން "އެފޯޑަބަލް ހޯމް އޯނަޝިޕް" ސްކީމްގެ ދަށުން ހުޅުމާލޭގައި 1000 ހައުސިން ޔުނިޓު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް ދިވެހި ފަސް ކުންފުންޏަކާ ހަވާލުކޮށް، އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފިއެވެ.
ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ސަރުކާރުގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. މި މަޝްރޫއަކީ ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއު ހަވާލުކުރި ފަސް ކުންފުންޏަކީ:
- އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
- ޖޭވީ ޕާޓްނާޝިޕް (ވަން ރިއަލިޓީ ޕްރައިވެޓް ލިމިޓެޑް އަދި މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
- އަމިން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
- ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ)
- ޖޭވީ ޕާޓްނާޝިޕް (ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑް، އޮކްސްރޯ ޕްރައިވެޓް ލިމިޓެޑް،
- ސޮލެކްސް ޕްރައިވެޓް ލިމިޓެޑް އަދި ބީވާ ބިލްޑާސް ޕްރައިވެޓް ލިމިޓެޑް)
ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވި ގޮތުގައި، މި ހައުސިން ޔުނިޓުތައް ބިނާކުރުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައެވެ. މަޝްރޫއުގެ ދަށުން ކޮންމެ ކުންފުންޏަކަށް އެއް ޕްލޮޓް ހާއްސަކޮށްފައިވާއިރު، މުޅި މަޝްރޫއު ނިންމުމަށް ކަނޑައަޅާފައިވަނީ 30 މަސް ދުވަހުގެ މުއްދަތެކެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ބޭންކް މޯގޭޖް ފައިނޭންސް މެދުވެރިކޮށް އަތްފޯރާ އަގުގައި މެދުފަންތީގެ އާއިލާތަކަށް ގެދޮރު ގަތުމުގެ ފުރުސަތު ހުޅުވާލުމަށް ހިންގާ ފުރަތަމަ މަޝްރޫއެވެ. މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ފްލެޓްތައް ވިއްކުމުގައި އިސްކަންދޭނީ ސަރުކާރުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމަށް ފޯމު ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކަށެވެ.
އަގުތަކަށް ބަލާއިރު، މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ ދެ ކޮޓަރީގެ ފްލެޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 1.8 މިލިއަން ރުފިޔާއެވެ. އަދި ތިން ކޮޓަރީގެ ފްލެޓެއް ވިއްކޭނެ އެންމެ މަތީ އަގަކީ 2.3 މިލިއަން ރުފިޔާއެވެ.
މިއީ އާންމު ރައްޔިތުންނަށް ލުއި ފަސޭހަކަމާއެކު ގެދޮރުގެ މިލްކުވެރިކަން ހޯދައިދިނުމަށް ސަރުކާރުން އަޅާފައިވާ މުހިންމު ފިޔަވަޅެއްކަމަށް އެ ވުޒާރާއިން ފާހަގަކުރެއެވެ.