MTCC

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅެމުންދިޔަ 12،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފި

740812639_1443986814431436_8956546690404737303_n-1784174149757

ރާއްޖޭގައި ގަވައިދާ ޚިލާފަށް އުޅެމުންދިޔަ 12،000 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓްކޮށްފި

SHARE

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 12,000 އަށްވުރެ ގިނަ ބިދޭސީން އަނބުރާ އެމީހުންގެ ގައުމަށް ފޮނުވާލާފައިވާކަން މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ 2023 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މި އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 12,552 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ. މީގެ ތެރޭގައި ގާނޫނީ ގޮތުން ޑީޕޯޓްކޮށްފައިވާ މީހުންނާއި، އެ ނޫންވެސް އެކި ސަބަބުތަކާ ހުރެ އަނބުރާ ގައުމަށް ފޮނުވާލި ފަރާތްތައް ހިމެނެއެވެ.

މިގޮތުން ފޮނުވާލި މީހުންގެ ތެރޭގައި ގިނައީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ މީހުންނާއި، އަތުގައި އޮންނަންޖެހޭ ލިޔެކިޔުންތައް ފުރިހަމަނޫން ބިދޭސީންކަން އިމިގްރޭޝަނުން ފާހަގަކުރެއެވެ. މިއީ ސަރުކާރުން ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ ހާއްސަ މަސައްކަތުގެ ތެރެއިން ކުރެވުނު ކަމެކެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ކުރިއަށްގެންދާ "އޮޕަރޭޝަން ކުރަނގި" ގެ ދަށުން މިހާތަނަށް ދެ ލައްކަ ދެ ހާހަށްވުރެ ގިނަ ބިދޭސީންގެ މައުލޫމާތު ވަނީ އެއްކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 6 މަސްދުވަހުގެ ތެރޭގައި މި މައްސަލައަށް ބޮޑު ހައްލެއް ގެނައުމެވެ. އަދި އަންނަ އަހަރުން ފެށިގެން ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ، އިތުރު ފުރުސަތަކާ ނުލައި ޑީޕޯޓްކުރާނެ ކަމަށްވެސް ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.

"އޮޕަރޭޝަން ކުރަނގި" ގެ ތިންވަނަ ފޭސްގައި މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ:

  • ކަނޑައެޅިފައިވާ 2,895 މީހުން ހޯދައި ޑީޕޯޓްކުރުން.
  • ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދައި ފޮނުވާލުން.
  • ސައްޚަ ވޯކް ޕާމިޓާއި ވިސާ ނެތް މީހުން ދެނެގަނެ ރާއްޖެއިން ބޭރުކުރުން.

މީގެ އިތުރުން، ބިދޭސީން ގެންގުޅޭ ދިވެހި ވިޔަފާރިވެރިންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން، ވޯކް ޕާމިޓް ފީ ނުދެއްކި ހުރި ފަރާތްތަކަށް އެ ފީ ދެއްކޭނެ ފަސޭހަ އިންތިޒާމުތަކެއް މި ފޭސްގެ ތެރެއިން ހަމަޖެހިގެންދާނެއެވެ. މީގެ ބޭނުމަކީ ވިޔަފާރިވެރިންނަށް ބާރުއަޅައި، އެ މީހުންގެ ދަށުން މަސައްކަތްކުރާ ބިދޭސީންނަކީ ގަވާއިދުގެ ތެރެއިން އުޅޭ ބަޔަކަށް ހެދުމެވެ.