މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމައިފިއެވެ.
މި އިނާމަކީ ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން، މިހާތަނަށް އެއްވެސް ފެންވަރެއްގައި ދައުލަތުގެ އިނާމެއް ލިބިވަޑައިގެންފައި ނުވާ ބޭފުޅުންނަށް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި އިނާމެކެވެ. މި ބޭފުޅުންގެ ރެކޯޑުތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހޯއްދެވުމަށްފަހު، ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވުމުން، އެ ކޮމިޓީން ވަނީ އެ މައުލޫމާތުތައް ދިރާސާކޮށް، އެ ބޭފުޅުންނާ ބައްދަލުކުރައްވައި ޝަރުޠު ފުރިހަމަވާކަން ކަށަވަރު ކުރައްވާފައެވެ.
ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު ދެއްވަން ފެށި ފަހުން، ވަކި މުއްދަތަކަށް ވުރެ އިތުރަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ނަންފުޅުތައް ކޮންމެ އަހަރަކުވެސް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ކޮމިޓީއަށް ފޮނުއްވަމުންނެވެ. އެގޮތުން މިހާތަނަށް 42 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ވަނީ މި އިނާމު އަރުވާފައެވެ.
މީގެ އިތުރުން، ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަށް މިއަހަރު އާންމުކޮށް ހުޅުވާލި ފުރުސަތުގައި 130 ފޯމު ހުށަހަޅާފައިވާ ކަމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން މައުލޫމާތު ދެއެވެ. މި ފޯމުތައް ހުށަހެޅުމުގެ މުއްދަތު މިދިޔަ ޖޫން މަހުގެ 11 ވަނަ ދުވަހަށް ވަނީ ހަމަވެފައެވެ.
އާންމުކޮށް ހުޅުވާލައިގެން ހުށަހެޅި ފޯމުތަކުގެ ތެރެއިން ޝަރުޠު ހަމަވާ ބޭފުޅުންނަށް އިނާމު އެރުވުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ. މި އިނާމަކީ ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވޭ ޝަރަފުވެރި އިނާމެކެވެ.