MTCC

މާލޭގެ މަގުތައް ތަރައްގީކުރަން އިދިކޮޅު މެމްބަރުން ހުރަސްއަޅާތީ މިނިސްޓަރ ކަންބޮޑުވުން ފާޅުކޮށްފި

large_thumb_1783928748115

މާލޭގެ މަގުތައް ތަރައްގީކުރަން އިދިކޮޅު މެމްބަރުން ހުރަސްއަޅާތީ މިނިސްޓަރ ކަންބޮޑުވުން ފާޅުކޮށްފި

SHARE

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ތޮއްޖެހުން ކުޑަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫއުތަކަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުން ހުރަސްއަޅުއްވަމުންދާ ކަމަށް ތުހުމަތުކުރައްވައި، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރުކާރުން މާލޭގެ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމަށް ހިންގާ މަޝްރޫއާ ގުޅޭގޮތުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ވަނީ ސުވާލު އުފައްދަވާފައެވެ. މެމްބަރުގެ ވާހަކަފުޅުގައި އެ މަޝްރޫއުގެ ސަބަބުން ރައްޔިތުންނަށް ހަގީގީ ފައިދާއެއް ނުވާނެ ކަމަށް ދޭހަވާ މޭރުމަކުން ވާހަކަދެއްކެވުމުން، ވަޒީރު މުއްތަލިބު ވަނީ އެކަމަށް ރައްދު ދެއްވާފައެވެ.

ވަޒީރު ވިދާޅުވީ، މާލޭގެ މަގުތައް ފުޅާކޮށްގެން ރައްޔިތުންނަށް ލިބޭނެ ލުއިފަސޭހަތަކަށް މާލޭގެ ދާއިރާއަކަށް ނިސްބަތްވާ އިއްޒަތްތެރި މެމްބަރަކު އިންކާރު ކުރައްވާތީ ހައިރާންވެވަޑައިގަންނަވާ ކަމަށެވެ.

" ބޮޑުތަކުރުފާނު މަގާއި މާލޭގެ މަގުތައް ފުޅާކޮށްގެން ރައްޔިތުންނަށް އެ ލިބޭ ފައިދާ ނުލިބުމަށް މާލޭގެ އިއްޒަތްތެރި މެމްބަރަކު އެދިވަޑަައިގަންނަވާތީ އަޅުގަނޑު ހައިރާންވޭ، ހަގީގަތުގައި މި މަގު ތަރައްގީކުރުމަކީ ރައްޔިތުންނަށް އެތައް ގޮތަކުން ލުއިފަސޭހަވެގެންދާނެ ކަމެއް،" ވަޒީރު ވިދާޅުވިއެވެ.

މަގު ފުޅާކުރުމަށްޓަކައި ފަޅުން ބައެއް ހިއްކުމުގެ ސަބަބުން ކަނޑު އުޅަނދުފަހަރަށް ދަތިވާނެ ކަމަށް މެމްބަރު ކުރެއްވި ތުހުމަތަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ ސަރަހައްދު ތަރައްގީކޮށްފައިވަނީ ކުރިއަށްވުރެ ވެސް ބޮޑަށް ކީވޯލްގެ ދިގުމިން އިތުރުވާނެ ގޮތަށް ކަމަށާއި ފަޅުން ބައެއް ހިއްކައިގެން ހެދި ޕާކިން ސަރަހައްދުގެ ތިން ފަރާތުން ވެސް ލޯންޗުފަހަރު ކައިރިކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އެހެންކަމުން، އެތަނަކީ ބޮޑެތި އާގުބޯޓުފަހަރަށް ހާއްސަ ތަނަކަށް ނުވާތީ، އޮޑިދޯނިފަހަރު ބޭނުންކުރާ ފަރާތްތަކަށް އެއްވެސް ދައްޗެއް ކުރިމަތިނުވާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.

"އެ ތިން ފަރާތަށް ވެސް ލޯންޗު ކައިރި ކުރެވޭ ގޮތަށް ހަދާފައި އިންނާނީ. އެހެންވީމަ އޭގެ ސަބަބުން އެތަނަށް ވަދެ ނުކުމެ އުޅޭ ފަރާތްތަކަށް އުނދަގޫވެ އެކަހަލަ ކަމެއް ނުހިނގާނެ. މިއަކީ ބޮޑެތި އާގުބޯޓު ފަހަރު މަސް ދޯނި ފަހަރު ވައްދާކަށް ހަދާ ތަނެއް ނޫން، އެހެންވީމަ ފަޅު ހަނިވެގެން އޮޑިފަހަރު ބޭނުންކުރާ ފަރާތްތަކަށް ދައްޗެއް ވާނެ ކަމަކަށް ގަބޫލެއް ނުކުރަން. އޭގެ ބަދަލުގައި މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ވަރަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ،" ވަޒީރު ވިދާޅުވިއެވެ.

މަޖިލީހުގެ މިއަދުގެ ބަހުސްގައި، ބޮޑުތަކުރުފާނު މަގު ފުޅާކުރުމަކީ މާލޭގެ ތޮއްޖެހުމަށް އޮތް ހައްލެއް ނޫން ކަމަށް މެމްބަރު މުހައްމަދު އިބްރާހިމް ތަކުރާރުކޮށް ވިދާޅުވުމުން، ވަޒީރު ވަނީ އެމަގު ބެއްލެވުމަށް ވަޑައިގަތުމަށް މެންބަރަށް ދައުވަތެއް ދެއްވާފައެވެ. އެގޮތުން އެންމެ ބާރުބޮޑުވާ ވަގުތުތަކުގައި ބާޒާރުމައްޗަށް ވަޑައިގެން، މަގު ފުޅާވުމުގެ ސަބަބުން އައިސްފައިވާ ބަދަލުތައް އަމިއްލައަށް ބައްލަވާލެއްވުމަށް ވަޒީރު އެދިވަޑައިގެންނެވިއެވެ.

ވަޒީރު މުއްތަލިބު އިތުރަށް ވިދާޅުވީ، ސަރުކާރުން މި މަސައްކަތް ކުރަނީ ރައްޔިތުންގެ ލާބައަށްޓަކައި ކަމަށާއި، މި މަސައްކަތުން ރައްޔިތުންނަށް ފައިދާއެއް ނުވާނަމަ މަޝްރޫއު ހުއްޓާލަން ޖެހިދާނެ ކަމަށެވެ. ނަމަވެސް، މިހާރު ވެސް މަގުގެ ބައެއް ބައިތައް ނިމުމުން ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މާލޭގެ މަގުތައް ހެދުމުގެ ބޮޑު މަޝްރޫއަކީ މި ސަރުކާރުން މާލޭގެ އުމްރާނީ ތަރައްގީއަށް އެންމެ އިސްކަންދޭ އެއް މަސައްކަތެވެ.