MTCC

ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ ގައިދީން އަނބުރާ ގައުމަށް ފޮނުވާލުމުގެ އެއްބަސްވުން ފަހު މަރުހަލާގައި

medium-168412

ރާއްޖޭގައި ތިބި ބަންގްލަދޭޝްގެ ގައިދީން އަނބުރާ ގައުމަށް ފޮނުވާލުމުގެ އެއްބަސްވުން ފަހު މަރުހަލާގައި

SHARE

ރާއްޖޭގެ ޖަލުތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ ބަންގްލަދޭޝްގެ ރައްޔިތުން، އެ މީހުންގެ ގައުމަށް ބަދަލުކުރުމަށް ދެ ގައުމުގެ ދެމެދުގައި ވެވޭ "ޕްރިޒަނާ ޓްރާންސްފާ" އެއްބަސްވުން މިހާރު އޮތީ އެންމެ ފަހު މަރުހަލާގައި ކަމަށް ރާއްޖޭގައި ހުންނަ ބަންގްލަދޭޝްގެ ހައިކޮމިޝަނުން ހާމަކޮށްފިއެވެ.

ބަންގްލަދޭޝް ހައިކޮމިޝަނުން ހުކުރު ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އިންސާނީ އެހީތެރިކަމުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތުގެ ސަބަބުން، ރާއްޖޭގައި ހުކުމް ތަންފީޒުކުރަމުންދާ ބަންގްލަދޭޝްގެ ކައިދީންނަށް އެ މީހުންގެ އަމިއްލަ ގައުމުގައި ބާކީ އޮތް ހުކުމުގެ މުއްދަތު ފުރިހަމަކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

މި އެއްބަސްވުން އަވަސްކުރުމަށްޓަކައި ދެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ގާތުން މަސައްކަތް ކުރަމުންދާ ކަމަށާއި، ފުރިހަމަކުރަންޖެހޭ އިދާރީ ކަންކަން ނިމުނުހާ އަވަހަކަށް އެއްބަސްވުމުގައި ސޮއިކޮށް އަމަލުކުރަން ފަށާނެ ކަމަށްވެސް ހައިކޮމިޝަނުން ބުނެއެވެ. މި އެއްބަސްވުމުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮތް ގާނޫނީ އަދި އިންސާނީ ގުޅުން ވަރުގަދަވެ، ކައިދީންގެ ނަފްސާނީ ދުޅަހެޔޮކަމަށާއި އިޖުތިމާއީ އިސްލާހީ މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށެވެ.

މި މަސައްކަތްތަކުގެ ތެރެއިން، ބަންގްލަދޭޝްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ހައިކޮމިޝަނަރު ޑރ. މުހައްމަދު ނަޒްމުލް އިސްލާމް އިސްކޮށް ހުންނަވައިގެން ވަފުދެއް ވަނީ ދާދިފަހުން މާފުށީ ޖަލަށް ޒިޔާރަތް ކުރައްވާފައެވެ. މި ޒިޔާރަތަކީ ރާއްޖޭގައި ބަންދުކޮށްފައި ތިބި ބަންގްލަދޭޝް ރައްޔިތުންގެ ހާލަތާއި، އެ މީހުންގެ ހައްގުތައް ކަށަވަރުކުރުމަށް ކުރި ޒިޔާރަތެކެވެ.

މި ޒިޔާރަތުގައި ވަފުދުގެ މެންބަރުން ވަނީ ބަންގްލަދޭޝްގެ 44 ކައިދީންނާ ބައްދަލުކޮށް، އެ މީހުންގެ ހާލަތު އޮޅުންފިލުވާފައެވެ. ހައިކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި މާފުށީ ޖަލުގައި ތިބި ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން 34 މީހަކީ ހުކުމް ތަންފީޒު ކުރަމުންދާ މީހުންނެވެ. އަދި ބާކީ ތިބި 10 މީހުންނަކީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބި މީހުންނެވެ.

ހައިކޮމިޝަނަރުގެ ވަފުދުން ވަނީ ކޮންމެ ކައިދީއަކާ ވަކިވަކިން ބައްދަލުކޮށް، އެ މީހުންނަށް ލިބޭ ބޭސްފަރުވާއާއި، ކާބޯތަކެއްޗާއި، އަންނައުނާއި، ނިދާ ތަނުގެ ހާލަތު ބަލާފައެވެ. އަދި ޖަލުގެ އޮފިޝަލުންނާ ބައްދަލުކޮށް، ކައިދީންގެ ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް ހިއްސާކޮށް، އެ މީހުންނަށް ގާނޫނީގޮތުން ލިބެންޖެހޭ ހިދުމަތްތައް އަވަސްކޮށްދިނުމަށް އެދިފައެވެ.

ޒިޔާރަތަށްފަހު ހައިކޮމިޝަނަރު ޑރ. ނަޒްމުލް އިސްލާމް ވިދާޅުވީ، ގައުމުން ބޭރުގައި ދިރިއުޅޭ ކޮންމެ ބަންގްލަދޭޝް ރައްޔިތެއްގެ އިންސާނީ ކަރާމާތާއި އަސާސީ ހައްގުތައް ކަށަވަރުކުރުމަކީ އެ ފަރާތުގެ ޒިންމާއެއް ކަމަށެވެ. އަދި ބަންގްލަދޭޝްގެ މިހާރުގެ ސަރުކާރުން ބޭރު ގައުމުތަކުގައި ތިބޭ އެ ގައުމުގެ ރައްޔިތުންގެ ރައްކާތެރިކަމާއި ލާބައަށް ވަރަށް ބޮޑު އިސްކަމެއް ދޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.