MTCC

"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ރައީސް އުފައްދަވައިފި

large_thumb_1783860137105

"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ރައީސް އުފައްދަވައިފި

SHARE

މާލެ ސަރަހައްދުގެ މަގުތަކުގެ ތޮއްޖެހުމަށް ދާއިމީ އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުމުގެ މަގުސަދުގައި "ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ގެ ނަމުގައި އާ އިދާރާއެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އުފައްދަވައިފި އެވެ.

މި އިދާރާއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިޚުތިޔާރުގެ ދަށުން އުފެއްދެވި ތަނެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައި ވިދާޅުވެފައިވަނީ، މި އޮފީސް ހިނގަމުން ދާނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑްގެ ދަށުން ކަމަށެވެ.

އޮފީހުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

  • މާލެ ސަރަހައްދުގެ ތޮއްޖެހުން ކުޑަކުރުމަށް ޕްރޮގްރާމްތައް އެކުލަވައިލައި ތަންފީޒުކުރުން.
  • އުޅަނދުތައް އިތުރުވުމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުމަށް ސިޔާސަތުތައް އެކުލަވައިލުމުގައި ލަފާދިނުން.
  • ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކިންގް ހައްލުތައް ހޯދައި ތަރައްޤީކުރުން.

"ގްރޭޓަރ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ހިންގުމަށް ހަމަޖެހިފައިވަނީ ޚާއްސަ ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުންނެވެ. މިއީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ޓްރެފިކްގެ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން އެޅުއްވި ވަރަށް މުހިންމު ފިޔަވަޅެކެވެ.

މި އޮފީހަކީ، މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ އުޅަނދުތަކުގެ އަދަދު އިތުރުވެ، މަގުތަކުގެ ތޮއްޖެހުމުގެ މައްސަލަ ބޮޑުވުމާ ގުޅިގެން، އެކަމަށް އަވަސް ޙައްލެއް ހޯދުމަށް ޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ޕުރޮގުރާމުތައް އެކުލަވައިލައި ތަންފީޒުކުރުމަށާއި، މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކޮށް، ޕާކުކުރެވޭނެ ވަސީލަތްތަކާއި އެހެނިހެން ޒަމާނީ ޙައްލުތައް ހޯދައި، އެފަދަ ވަސީލަތްތައް ތަރައްޤީކުރުމުގެ މަސައްކަތްތައް ތަންފީޒުކުރުމުގައި އިސްދައުރެއް އަދާކުރާނެ ސަރުކާރުގެ ވަކި އިދާރާއެއް ހަމަޖެއްސެވުމުގެ ބޭނުމުގައި އުފެއްދެވި އޮފީހެކެވެ.

މީގެ އިތުރުން، ދައުލަތުގެ އިދާރާތަކުން މި އޮފީހަށް ފޮނުވާ ސިޓީތަކުގައި ބޭނުންކުރާނެ ރިފަރެންސް ނަންބަރަކީ 1142 ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ ކަނޑައަޅުއްވާފައެވެ.