MTCC

ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫގައި ފްލެޓް އެޅުމަށް ކައުންސިލުން ހުރަސްއަޅާ: މުއްތަލިބު

07e229b6-dde4-4c23-9594-2d021d5b979b-876x584

ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫގައި ފްލެޓް އެޅުމަށް ކައުންސިލުން ހުރަސްއަޅާ: މުއްތަލިބު

SHARE

ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރުމަށްޓަކައި ހިންގުމަށް ނިންމާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ހަނިމާދޫ ކައުންސިލުން އެއްބާރުލުން ނުދޭކަމުގެ ޝަކުވާ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ކުރައްވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރު މިކަން ހާމަކުރެއްވީ، ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. މެންބަރު ގަފޫރު ސުވާލުކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އަހަރުގެ އޮގަސްޓް މަހު ހިރިމަރަދުއަށް ކުރެއްވި ދަތުރުފުޅުގައި، އެ ރަށު ރައްޔިތުންނަށް ބޭނުންވާ މުނިސިޕަލް ހިދުމަތްތަކާއި ބޯހިޔާވަހިކަން ދޮޅު އަހަރު ތެރޭގައި ހަނިމާދޫގައި ގާއިމުކޮށްދިނުމަށް އެޗްޑީސީއާ ހަވާލުކުރި މަޝްރޫއުގެ އަމަލީ މަސައްކަތް ލަސްވަމުންދާތީ އެކަމާ ގުޅޭގޮތުންނެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު މުއްތަލިބު ވިދާޅުވީ، ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫގައި ފްލެޓް އެޅުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ހަނިމާދޫ ކައުންސިލުން އެކި ގޮތްގޮތުން ދަތިތަކާ ކުރިމަތިކުރުވަމުންދާ ކަމަށެވެ. އަދި މި މަޝްރޫއު ކުރިއަށް ގެންދިއުމަށް މެންބަރުގެ ފަރާތުންވެސް އެއްބާރުލުން ބޭނުންވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ، ހަނިމާދޫ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަމުގެ މަޝްރޫއަކީ ވަކި ކަމެއް ކަމަށާއި، ހިރިމަރަދޫ ރައްޔިތުންގެ މަޝްރޫއާ އެކަން ގުޅުވައިގެން ނުވާނެ ކަމަށެވެ.

"ހިރިމަރަދޫ ރައްޔިތުންނަށް ހިންގާ ހައުސިން މަޝްރޫއުއަކީ ވަކި މަޝްރޫއުއެއް. ހަނިމާދޫ ރައްޔިތުންނަށް ބޭނުންވާ ހައުސިން މަޝްރޫއު ސަރުކާރުން ކުރިއަށް ގެންދާނެ. ހިރިމަރަދޫ ރައްޔިތުންނަށް މި އަޅާ ބޯހިޔަވާހިކަމާއި ހަނިމާދޫގައި އަޅާ ބޯހިޔާވަހިކަމާ ގުޅުވާ ނުލާށޭ. އަޅުގަނޑުމެން ދެ މަސައްކަތް ވެސް ކުރިއަށް ގެންގޮސްދޭނަމޭ." ވަޒީރު ވިދާޅުވިއެވެ.

ހިރިމަރަދޫއަކީ މިހާރު ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ރަށަކަށްވާއިރު، އެ ރަށުގެ ރައްޔިތުން އެހެން ރަށަކަށް ބަދަލުވުމަށް އެދެމުންދާތީ، އެ މަސައްކަތް އަވަހަށް ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ. ނަމަވެސް އެކަން ކާމިޔާބުވާނީ ހަނިމާދޫ ކައުންސިލާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެންކަމަށް ވަޒީރު މުއްތަލިބު ތަކުރާރުކޮށް ވިދާޅުވިއެވެ.