MTCC

މެންބަރު އައްޑޫ ބަހުންސުވާލުކުރެއްވުމުން ވަޒީރު ޖަވާބުދެއްވީ ހުވަދޫ ބަހުން

444970_3_03b3c1846a6b75271f36ceb59c354d833c0267b3

މެންބަރު އައްޑޫ ބަހުންސުވާލުކުރެއްވުމުން ވަޒީރު ޖަވާބުދެއްވީ ހުވަދޫ ބަހުން

SHARE

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި، އައްޑޫ ބަހުރުވައިން ކުރި ސުވާލަކަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ހުވަދޫ ބަހުރުވައިން ޖަވާބު ދެއްވައިފިއެވެ.

ހިތަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ސޯދިގު (ސޯބެ)، އައްޑޫ ސިޓީގެ ބޯފެނުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކާ ގުޅޭގޮތުން އައްޑޫ ބަހުރުވައިން މިނިސްޓަރާ ސުވާލު ކުރެއްވި އެވެ. ސޯބެ މީގެ ކުރިން ވެސް މަހިލީހުގައި މިނިސްޓަރުންނާ ސުވާލުކުރައްވާފައި ވަނީ އައްޑޫ ބަހުންނެވެ. މިއަދު ސޯބެގެ ކަންބޮޑުވުމަކީ އައްޑޫގެ ރައްޔިތުންނަށް ސާފު ބޯފެން ލިބުމުގައި ހުރި ދަތިތަކެވެ.

މެންބަރުގެ ސުވާލަށްފަހު، މިނިސްޓަރު މުއްތަލިބު ސަމާސާ ރޫހެއްގައި ވިދާޅުވީ އައްޑޫ ބަހުން ވާހަކަ ދެއްކެވީމާ ޖަވާބު ދޭންވީ ހުވަދޫ ބަހުންތޯ؟" އެވެ. އެއަށްފަހު، ހުވަދޫ އަތޮޅަށް ނިސްބަތްވެވަޑައިގަންނަވާ މިނިސްޓަރު ވަނީ ހުވަދޫ ބަހުރުވައިން ޖަވާބު ދެއްވަން ފަށްޓަވާފައެވެ.

މިނިސްޓަރުގެ ޖަވާބުގައި ފާހަގަކުރެއްވި ގޮތުގައި، އައްޑޫގެ ފެނުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތަކުގައި ސޯބެގެ ޒިންމާއެއްވެސް އޮތްކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެއީ ކުރީގެ ސަރުކާރުގައި ސޯބެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވިއިރު، މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ހޮޅި އަޅަން ނުޖެހޭނެ ކަމަށް އަންގާފައި އޮތުމުންނެވެ. އޭގެ ސަބަބުން މިހާރު އަލުން ވަކިން ހޮޅި އަޅަން ޖެހިފައިވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ހީވެންނޫ މެމްބަރުއަސް ކޮންމިއަސް ވަރަކަން ޒިންމާ ނަގަން ޖެހެންނެއި ކަމެކެހެން މި ކަމާއްކޫ" ހުވަދޫ ބަހުން ވަޒީރު ވިދާޅުވިއެވެ.

ނަމަވެސް، މިނިސްޓަރު މުއްތަލިބު ވިދާޅުވީ މިހާރުގެ ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަށް އައްޑޫގެ ފެނުގެ ނިޒާމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، ރައްޔިތުންނަށް ފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ.

މީގެކުރިން ސޯބެ އައްޑޫ ބަހުން ކުރެއްވި ސުވާލެއް އެނގިވަޑައިނުގަންނަވާ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވުމާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް ހިނގާފައިވެއެވެ. ނަމަވެސް މިއަދު މިނިސްޓަރު މުއްތަލިބު ބަހުރުވައިން ދެއްވި ޖަވާބާއެކު މަޖިލީހުގެ ތަޅުމުން ފެނިގެންދިޔައީ ތަފާތު މަންޒަރެކެވެ.