ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ ބޮޑު އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މެންބަރުންގެ 85 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށް އެ ޕާޓީން ހާމަކޮށްފިއެވެ.
މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިހާތަނަށް ބޭއްވި އެންމެ ބޮޑު އެތެރޭގެ އިންތިޚާބު ކަމަށް އެ ޕާޓީން ފާހަގަކުރެއެވެ.
މިއަދު ކުރިއަށްދިޔަ މި އިންތިޚާބަކީ ޕީއެންސީގެ ސްޓިއަރިން ކޮމިޓީތަކުގެ ރައީސުންނާއި ނައިބުރައީސުން ހޮވުމަށާއި، ރައްޔިތުންގެ މަޖިލީހުގައި އެ ޕާޓީގެ މެންބަރުން ތަމްސީލުނުކުރާ ދާއިރާތަކުގެ ރައީސުންނާއި، މަޖިލިސް މެންބަރުން ތިއްބަވާ ދާއިރާތަކުގެ ނައިބުރައީސުން އިންތިޚާބުކުރުމަށް ބޭއްވި އިންތިޚާބެކެވެ.
އިންތިޚާބުގެ ވޯޓުލުން ނިންމާލުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ، ރާއްޖޭގެ 119 ރަށެއްގައި ވޯޓުލުން ކުރިއަށްދިޔަ ކަމަށެވެ. އަދި ޖުމްލަ 40،000 އެއްހައި މީހުންނަށް ވޯޓުލުމުގެ ހައްޤު ލިބިފައިވާއިރު، އޭގެ ތެރެއިން 32،000 އާއި 33،000 އާ ދެމެދުގެ އަދަދަކަށް މީހުން ވޯޓުލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އެންމެ ގިނަ ކެންޑިޑޭޓުން ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއްގައި ވާދަކުރާ އިންތިޚާބަކީ މިއަދު މިހާރު ފެށިގެން ކުރިއަށްދާ އިންތިޚާބު. އެނގިވަޑައިގަންނަވާނެ 2086 މަގާމަށް މީހުން އިންތިޚާބުކުރަންޖެހޭ. އެއަށްވުރެ މާގިނައިން އެބަތިބި ކުރިމަތިލާފައި،" ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ފާހަގަކުރެއްވި ގޮތުގައި އެކި މަޤާމުތަކަށް 2,400 އެއްހައި ކެންޑިޑޭޓުން ވާދަކޮށްފައިވެއެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ ވެރިކަމުގައި އޮވެ، މިފަދަ ވާދަވެރި އަދި ބޮޑު އިންތިޚާބެއް ބޭއްވުމަށް ޕީއެންސީއަށް ކެރުނީ ޕާޓީގެ މެންބަރުންގެ މެދުގައި އޮތް ބޮޑު އިތުބާރެއްގެ ސަބަބުން ކަމަށެވެ. އަދި މިފަދަ ހަރުދަނާ އިންތިޚާބުތައް ބޭއްވުމުގައި އެހެން ސިޔާސީ ޕާޓީތަކުން ޕީއެންސީ ނަމޫނާއަކަށް ބަލަންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މި އިންތިޚާބުގެ އިންތިޒާމުތައް ހަމަޖައްސާފައިވަނީ ޕާޓީގެ ރައީސް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކުލަވައިލެއްވި ޚާއްޞަ ކޮމިޓީއެއްގެ ބެލުމުގެ ދަށުންނެވެ. ޗެއާޕާސަން ވިދާޅުވި ގޮތުގައި ވޯޓުލުމުގެ ކަންކަން ކުރިއަށްދިޔައީ އެއްވެސް މައްސަލައެއް ނުޖެހި، ވަރަށް ސުލްހަވެރިކަމާއެކުގައެވެ.
މި އިންތިޚާބުން ފެނިގެންދިޔަ ބޮޑު ތަރުހީބަކީ ޕާޓީގެ ލީޑަރޝިޕަށާއި ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށް ރައްޔިތުންގެ މެދުގައި އޮތް ޔަގީންކަން ހާމަވާ ކަމެއް ކަމަށް ޕީއެންސީން ގަބޫލުކުރެއެވެ. މި އިންތިޚާބާއެކު ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާވެ، ކުރިއަށް އޮތް ތަނުގައި ޕާޓީ އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ.